ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަކިކުރަން އިދިކޮޅު ކޯލިޝަންގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށް ތާއީދު ކުރަން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން ފާހެއް ނުވި އެވެ.
މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެ މައްސަލަ ވެއްދީ އަމިއްލަ ދެ މެންބަރުން ކަމަށްވާ، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްއާއެކު 11 މެންބަރުންގެ ސޮޔާއެކު އެވެ.
އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް މިއަދު އެމްޑީޕީ ޕީޖީ ގުރޫޕުގައި ނެގި ވޯޓުން ފާސްވީ، އޭނާ ވަކިކުރަން ނުފެންނަ ކަމަށެވެ. އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު "ވަން" އަށް ވިދާޅުވި ގޮތުގައި، އެގޮތަށް ފާސްވީ ޕީޖީ ގުރޫޕުގެ އަގުލަބިއްޔަތުންނެވެ.
އިދިކޮޅުން މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވަނީ، ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ މައްސަލައިގެ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި، ސަފާރީގައި ހިނގައިދިޔައީ ރޭޕެއް ނޫން ކަމަށާއި އަންހެނެއްގެ ޖިންސީ ގުނަވަނެއްގައި ހިފުމަކީ "ކަމެއްކުރިކަންވެސް ނޭނގޭ ފަދަ ކަމެއް ކަމަށް" ވިދާޅުވެ އެއީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކައަކީ ހޯމް މިނިސްޓްރީއާ ހަވާލުވެ ހުންނެވި ވަޒީރުގެ ހައިސިއްޔަތުން އޭނާގެ ގާބިލުކަމާއި ޒިންމާދާރުކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
އިމްރާންގެ އެ ވާހަކަތަކުގެ ސަބަބުން، ތަހުގީގު ކުރެވެމުން އަންނަ މައްސަލައަކަށް މިނިސްޓަރު ނުފޫޒު ފޯރުވުން ކަމަށް ބެލެވޭ ކަމަށާއި އަދި އެއްވެސް މައްސަލައެއްގެ ކުޑަ ބޮޑުމިން ކަނޑައެޅުމަކީ މިނިސްޓަރަށް ލިބިގެންވާ ބާރަކަށް ނުވާތީއާއި މި ވާހަކަތަކުގެ ސަބަބުން އަންހެނުންނަށް ކުރެވޭ މިފަދަ އަނިޔާތަކަށް އިންސާފު ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.
އޭގެ އިތުރުން، އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި ގެއްލުވާލައިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި އެކި ގޮތްގޮތަށް އެކި ފޯރަމްތަކުގައި ވާހަކަދައްކަމުންދާތީ، އެއީ ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމާއި ގާނޫނު ނަގަހައްޓައި ތަންފީޒު ކުރުމުގެ ޒިންމާ އުފުއްލަވާ ވަޒީރުގެ ގާބިލުކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް މައްސަލައިގައި ބުނެފައިވެ އެވެ.
އެކަންކަމުގެ ސަބަބުން ހަމަހަމަ ކަމާއެކު އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ކުރެވޭތީ އާއި ގާނޫނު އަސާސީގެ 132 ވަނަ މާއްދާގެ ދަށުން ވަޒީރު ކަމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވޭތީއާއި އަދި އެ މާއްދާގެ (ކ)ގައި ބަޔާން ކުރެވިފައިވާ ރައްޔިތުންގެ ސަލާމަތްތެރިކަން ދަމަހައްޓައި ރައްޔިތުންގެ އާންމު ފައިދާ ރައްކާތެރިކުރުމަށް މަސައްކަތް ނުކުރެވޭތީ މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ ކަމަށް މައްސަލައިގައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު