މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު، ޗައިނާގެ ބާޒާރަށް ރާއްޖޭގެ ކަނޑުމަސް އެކްސްޕޯޓުކުރުމުގެ ފުރުސަތުތައް ފަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
"ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް"ގެ ތެރެއިން ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެމްއޯޔޫގައި މިފްކޯއިން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު އަނަސް އެވެ. އަދި ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯއެވެ.
މިފްކޯއިން މިއަދު ބުނީ މި ފަހުމުނާމާގެ ދަށުން ޗައިނާ ބާޒާރުގައި ހުރި ފުރުސަތުތައް ދެނެގަނެ، އެ ގައުމަށް މަސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ދެ ކުންފުނި ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
މީގެ ތެރޭގައި އުފެއްދުންތެރިކަމުގެ ފެންވަރާއި މަސް ބަންދު ކުރުމާއި ލޮޖިސްޓިކްސްގެ އިތުރުން ޗައިނާ ބާޒާރަށް މަސް އެކްސްޕޯޓު ކުރުމުގައި ފުރިހަމަވާންޖެހޭ ގާނޫނީ މިންގަނޑުތަކާ ގުޅޭ ކަންކަން ހިމެނޭ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
މަސް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މިފްކޯއިން ހަރަކާތްތެރިވާއިރު ސައިނޯމެކް ހައިނާންގެ ޒިންމާ އަކީ ޗައިނާގެ ބާޒާރުން ފުރުސަތުތައް ހޯދުމެވެ.
ފުރަތަމަ މަރުހަލާގައި ދިރާސާތަކާއި ވިޔަފާރީގެ އިންތިޒާމްތަކަށް ރިއާޔަތްކޮށް، އަންނަ އަހަރުން ފެށިގެން އެކްސްޕޯޓު ކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާ ކުރާނެއެވެ.
މި ފަހުމުނާމާއަކީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ އާ ބާޒާރުތައް ހޯދުމަށް މަގުފަހިކޮށްދީ، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ވަރަށް މުހިއްމު ފުރުސަތެއް ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
ރާއްޖެއިން މިހާރު މަސް އެކްސްޕޯޓު ކުރަނީ ޔޫރަޕާއި ތައިލެންޑު އަދި މޮރިޝަސްއަށެވެ.
މިފްކޯ
މިފްކޯ
މިފްކޯ
ކޮމެންޓް