ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ނަން އަނބުރާ ނުގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު އަންނަ އަހަރަށް ފަސްކުރިއެވެ.
އެ އިންތިހާބު އަންނަ އަހަރުގެ މާޗް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ތައްޔާރުވަމުން އަންނައިރު، އެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ޖޫން 23 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި މިހާތަނަށް 83 ކެންޑިޑޭޓަކު ވަނީ ނަން ގެންގޮސްފަ އެވެ. އޭގެ ތެރެއިން ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލިސް ރައީސް ވިދާޅުވީ، އޭޕްރިލް ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ފަސްކުރެވިފައިވާ އިންތިހާބެއް ކަމުން އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވައިނުލާނެ ކަމަށެވެ.
ނަމަވެސް އިންތިހާބަށް ވޯޓާސް ލިސްޓު އިއުލާންކުރާއިރު މިދިޔަ މުއްދަތުގައި 18 އަހަރު ފުރިފައިވާ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިދޭނެ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވާ މީހުން ނަން އަނބުރާ ނުގެންދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
"ބައެއް މީހުން ނަން އަނބުރާ އެބަ ގެންދޭ. އަޅުގަނޑުގެ އިލްތިމާސަކީ އަޅުގަނޑުގެ ވަރަށް ބޮޑު އާދޭހަކީ ނަން އަނބުރާ ނުގެންދަވާށޭ. އަޅުގަނޑަށް ވެސް އިނގޭ އުދަނގޫކަން. ވަރަށް ގިނަ ބޭފުޅުން ނަން އަނބުރާ އެބަ ގެންދަވާ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ކައުންސިލް އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުން ވަރަށް ބޭނުންތެރި ކަމަށެވެ. އެގޮތުން ކައުންސިލްތަކަށް މީހުން އިންތިހާބު ވެ، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބޮޑު ބާރުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރާއްޖެއަށް މިހާރު ދިމާވެފައި މިއޮތް ކޮވިޑުގެ ހާލަތާއި އިގްތިސޯދީ ހީނަރުކަމުން އަރައިގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
އީސީން ބުނެފައިވާ ގޮތުގައި މިހާތަނަށް ނަން އަނބުރާ ގެންދިޔަ 83 ކެންޑިޑޭޓުންނާއެކު ކައުންސިލް އިންތިހާބުގައި މިހާރު ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 2307 އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާނީ 1785 ކެންޑިޑޭޓުންނެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް