ރައީސް އޮފީސް

ޗައިނާގެ ބައެއް ލޯނުތައް ދެއްކުން ވަނީ ފަސްކޮށްދީފައި: ރައީސް އޮފީސް

އަންނަ އަހަރު ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "ވަން" އަށް ވިދާޅުވީ ވޯލްޑް ބޭންކުންގެ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން، ޗައިނާ ސަރުކާރުން ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށެވެ.

ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން ކޮވިޑްގެ ސަބަބުން ދުނިޔޭގެ ފަގީރު ގައުމުތަކުން ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރު ކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކުން ނަގާފައިވާ އިނީޝިއޭޓިވް އެކެވެ.

މި ނިންމުމާއެކު ޗައިނާގެ އިތުރުން ޔޫރަޕުގެ ގައުމު ތަކުން ނަގާފައިވާ ލޯނުތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން އެގައުމުތަކުން ނަގާފައިވާ ލޯނަށް އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.

މި އިނީޝިއޭޓިވްގެ ދަށުން ލޯނުތައް ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ވެސް ފިނޭންސް މިނިސްޓްރީން ހިމަނައިފައިވާއިރު، މި އިނީޝިއޭޓިވްއާއެކު އަންނަ އަހަރު ދައްކަން ޖެހޭ ދަރަނިން 809.1 މިލިއަން ރުފިޔާ ކުޑަ ކުރެވޭނެ ކަމަށް ބަޖެޓްގައި ވެއެވެ.

ޗައިނާގެ ބައެއް ލޯންތައް ފަސްކޮށްދީފައިވާއިރު، އިއްޔެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މި ސަރުކާރުން ޗައިނާއަށް ދައްކަން ޖެހިފައިވާ ލޯނުތަކަށް ކޮވިޑާ ގުޅިގެން އެގައުމުން އެއްވެސް ލުޔެއް ދީފައިނުވާ އިރު، އެއީ އިންސާފެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"އެއްވެސް ލުޔެއް ނެތޭ، ކޮބައިތޯ އިންސާފަކީ. ޗައިނާގެ ރައީސަށާއި ޗައިނާގެ ސަރުކާރަށް އަޅުގަނޑު ފަށްފަށުން ދަންނަވަން ބޭނުން ދިވެހިރާއްޖެއަށް ތިހެން ނުހައްދަވާށޭ. އާދޭހޭ އާދެހޭ އަޅުގަނޑުމެން ތިބޭފުޅުންގެ އަތުން އެއްޗެއް ނުނަގާ ކަމަށް ދަންނަވަނީކީ ނޫން. އެހެންނަމަވެސް މި ގަޑީގައި، އެންމެ ބަލިވި ގަޑީގައި އަޅުގަނޑުމެން އަތުން ފައިސާ ނަގަން ޗައިނާ ސަރުކާރުން އެއްގޮތަަކަށް ވެސް އުޅެގެންނުވާނެ. މިއީ އިންސާފެއް ނޫން، މި ދުނިޔެ ދަންނަ އިންސާފެއް ވެސް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ދަރަނި ދައްކަން ހަތަރު ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ 70.4 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.