ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ޖަރުމަނުވިލާތަށް ފުރާވަޑައިގެންފިއެވެ.

އިއްޔެ އިން ފެށިގެން މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ބާލިންއަށް ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ.

ރައީސް އޮފީހުން ރޭ ބުނީ މިއަހަރުގެ ފޯރަމްގައި ދުނިޔޭގެ ލީޑަރުންނާއި ސިޔާސަތު އެކުލަވާލާ އިސްފަރާތްތަކާއި އެންމެ ބޮޑަށް އަސަރުކޮށްފައިވާ މުޖުތަމައުތަކުގެ މަންދޫބުންގެ އިތުރުން ޒުވާން އީޖާދުވެރިން އެއްތަންވެ މަޝްވަރާ ކުރާނެ ކަމަށެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، "ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. ކަނޑުގެ ލޮނގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި ހައްގުތައް ހިމާޔަތްކުރުމާ ބެހޭގޮތުން ބާއްވާ މަތީ ފަންތީގެ ޕެނަލް ޑިސްކަޝަނެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މަތީ ފަންތީގެ ބައިނަލްއަގުވާމީ މި ފޯރަމްގެ މަގުސަދަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ގުޅިގެން، މޫސުމީ ހިޖުރަކުރުމާއި ވަޒަންދޫކޮށް ދާން ޖެހުމާއި އަދި އެކަންކަމަށް ހޭނުމަށް ކަނޑައަޅާ އިސްތިރާޖީތަކާ ބެހޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަޝްވަރާތައް އިތުރަށް ކުރިއެރުވުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން، މި އަހަރުގެ ފޯރަމް ވެގެންދާނީ ގްލޯބަލް ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް ނުވަތަ މޫސުމީ ހިޖުރަކުރުމާބެހޭ ބައިނަލްއަގުވާމީ އުސޫލުތައް ރަސްމީކޮށް ފާސްކުރާ ފޯރަމަށެވެ. މި މަތީ ފަންތީގެ އެއްބަސްވުމުން ބާރުއަޅަނީ، މީހުންގެ އަމިއްލަ މުޖުތަމައުތަކުގައި ދެމިތިބުމުގެ ހައްގު ހިމާޔަތްކޮށްދޭނެ ފަދަ ހޭނުމުގެ މަގުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެހެން ސަރަހައްދަކަށް ބަދަލުވާން ޖެހޭ ހާލަތްތަކުގައިވެސް، އެކަން ކުރަންވާނީ އިންސާނީ ކަރާމާތް ހިފަހައްޓައިގެންކަން މި އުސޫލުތަކުގައި ކަށަވަރުކޮށްދެއެވެ. މީގެ އިތުރުން، މި ފޯރަމްގެ ތެރެއިން، މި އެއްބަސްވުންތައް، އަމަލީ ބައިވެރިވުމަކަށް ބަދަލުކޮށް، ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމަށް މަގުފަހި ކުރެވޭނެއެވެ.