މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް، ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒަރީރު އެ މަގާމުން އިސްތިއުފާ ދެއްވީ، ފިނޭންސް މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އެދި ފޯމު ހުށަހެޅޭނީ މިމަހުގެ 28ވާ އާދިއްތަ ދުވަހުގެ 12:00ގެ ނިޔަލަށެވެ. މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ، މި މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.

މިމަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި، އެ އޮފީހުގެ ވެބްސައިޓު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.