ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން މީހުން މަދުވުމުގެ މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން ދައުލަތުގެ ކުންފުނިތަކަށް ބޭނުންވަރަށްވުރެ އިތުރަށް މީހުން ވެއްދުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިކަން ދޫކޮށް ގިނަ އަދަދެއްގެ ޒުވާނުން ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކަށް ބަދަލުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، މަސްވެރިކަން ފަދަ އުފެއްދުންތެރި މަސައްކަތްތައް ހުއްޓާލުމަށްފަހު، ރަށުގައި ތިބެގެން ފަސޭހައިން ލިބޭ މުސާރައަކަށް ބަރޯސާވުމުގެ ސަގާފަތެއް އުފެދުނުކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަން ހަގީގަތުގައި ދިމާވެފައި މި އޮތް ގޮތަކީ އަޅުގަނޑަށް ގަބޫލުކުރެވެނީ، މިދިޔަ ސަރުކާރުގެ ދުވަސްވަރު، ސަރުކާރުގެ ކުންފުނިތަކަށް ހާއްސަކޮށް ފެނަކަައަށް، ރަށްރަށުގައި މަސައްކަތް ކުރަމުން ދިޔަ ޒުވާނުން، މަސްވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތްކުރަމުން ދިޔަ ޒުވާނުންތައް ވަޒީފާ ދީފައި ވެއްދީމާ" ރައީސް ވިދާޅުވިއެވެ.

"ވަރަށް ފަސޭހަ އާމްދަނީއެއް އެއީ ރަށުގައި ހުރެގެން، ގޭގައި ހުރެގެން ހެޔޮވަރުގެ މުސާރައެއް ލިބޭކަމަށް ވަންޏާ ވަރަށް ފަސޭހަވާނެ އެ ގޮތް ހިޔާރުކުރަން."

މި މައްސަލައިގެ ހަގީގީ މިންވަރު ދެނެގަތުމަށްޓަކައި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ހާއްސަ ސާވޭއެއް ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ސާވޭގެ ބޭނުމަކީ މަސްވެރިކަން ދޫކޮށް އެހެން ދާއިރާތަކަށް ދިޔަ މީހުންގެ އަދަދު ދެނެގަނެ، އެކަން ހައްލުކުރުމަށް ސިޔާސަތުތައް އެކުލަވައިލުންކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ފެނަކަ ފަދަ ކުންފުނިތަކަށް އިންތިހާއަށް މީހުން އިތުރުކުރުމުގެ ސަބަބުން، މަސްދޯނިތަކަށް ބޭނުންވާ ފަޅުވެރިން ނުލިބި، ބައެއް އޮޑިވެރިންނަށް ދޯނިތައް ވިއްކާލަން ޖެހުނު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިކަން ހައްލުކުރުމަށްޓަކައި މިހާރުގެ ސަރުކާރުން ވަނީ ކުންފުނިތައް "ރައިޓްސައިޒް" ކުރުމުގެ މަސައްކަތް ފަށާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކަށް މީހުން ޖަމާކޮށްގެން އިގުތިސާދީ ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ. މި ސަރުކާރުގެ އަމާޒަކީ ޒުވާނުންނަކީ މަސްވެރިކަމާއި އަމިއްލަ ސެކްޓަރުގެ އެހެނިހެން ދާއިރާތަކުގައި އުފެއްދުންތެރި ބަޔަކަށް ހެދުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.