ޗައިނާ އަކީ ރާއްޖެއަށް ވަރަށް މުހިއްމު ގައުމެއް ކަމަށާއި، ޗައިނާއާއެކު ރާއްޖެއިން އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީގެ ލީޑަރު، އަހުމަދު ސީޔާމު ގޮވާލައްވައިފިއެވެ.

މިކަމަށް ސިޔާމު ގޮވައިލެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުރިއަށްދިޔަ ބަޖެޓް ބަހުސްގެ ތެރެއިންނެވެ.

ސިޔާމު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 17.7 ބިލިޔަމް ރުފިޔާ ބޭނުންވާ ކަމަށް ހިމަނާފައިވާ ކަމަށެވެ.

އެ ފައިސާ ޖެހޭނީ ބޭރު ގައުމުތަކުން ލޯނުގެ ގޮތުގައި ހޯދުމަށްކަން، ފާހަގަ ކުރައްވައި ސިޔާމު ވިދާޅުވީ، ބޭރު ގައުމުތަކުން ލޯނާއި އެހީ ދެނީ، އެމީހުންނާއި ގުޅުން ބަދަހިކޮށް، ކަނެކްޝަން ރަނގަޅުކޮށް ފްރެންޑްޝިޕް ގާއިމްކޮށްފައި އޮންނަ މިންވަރަަކަށް ކަމަށެވެ.

ސިޔާމު ވިދާޅުވީ، ރާއްޖޭގެ ކޮންމެ މީހަކީވެސް، މުހިއްމު މީހެއް ކަމަށެވެ. ހަމަ އެގޮތަށް ކޮންމެ ގައުމަކީވެސް މުހިއްމު ގައުމެއް ކަމަށާއި، ކޮންމެ ގައުމަކާ ދޭތެރޭވެސް ރާއްޖޭން ގެންގުޅެން ޖެހޭނީ، ހަމަހަމަ އުސޫލެއް ކަމަށެވެ.

ނަމަވެސް ވަކި ގައުމަކީ، ނުރަގަޅު ގައުމެއްގެ ގޮތުގައި ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ބައެއް މެންބަރުން ވާހަކަ ދެއްކުމަކީ ރަނގަޅުކަމެއްނޫން ކަމަށްވެސް ސިޔާމު ވިދާޅުވިއެވެ.

ސިޔާމު ވިދާޅުވީ، ހާއްސަކޮށް ޗައިނާކަހަލަ ބޮޑެތި ގައުމުތަކާއި، ޖައްސާލައިގެން މަޖިލިސް މެންބަރުން އުޅޭކަމަށް ވަންޏާ ގައުމަށް ބޮޑު ހިނާރުކަމެއް ކުރިމަތިވެދާނެ ކަމަށެވެ.

ޗައިނާ އަކީ އެމެރިކާއަށްވުރެވެސް ބޮޑު އިގްތިސާދެއް ކަމަށާއި، ޗައިނާއާ ނުލައި ރާއްޖެއަށް ނޫޅެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާމު ވިދާޅުވީ، ޗައިނާގެ އިތުރުން، އިންޑިއާ އާއި އެމެރިކާވެސް ރާއްޖެއަށް އެހާ މުހިއްމު ގައުމުތަކެއް ކަމަށެވެ.

ނަމަވެސް ސިޔާސީ ކަންކަންމުގައި ވާހަކަ ދައްކާއިރު، ތިމާގެ އަމިއްލަ ސަލާމަތަށް ބެލުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާމުގެ ވާހަކާގައި ފާޑުވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް، ޗައިނާ ސަރުކާރަށް ވާޑުވިދާޅުވަމުންދާ މައްސަލައިގައެވެ.