އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އިތުރުކޮށް، ޖުމްލަ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ދެންމެ ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ނިންމީ އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމަށްފަހު އެ ރިޕޯޓްގައިވާގޮތަށެވެ.

އުއްތަމަ ފަނޑިޔާރަށް ލިބިދެވޭ މުސާރަ އާއި އިނާޔަތްތައް މުރާޖައާކޮށް، މުސާރަ ބޮޑުކުރަން ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދު ކުރެއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް އެވެ.

މަމްދޫހު ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި 4125 ރުފިޔާ ހަމަޖެއްސުމަށެވެ. މި ހުށަހެޅުމަށްވެސް ތާއީދު ކުރެއްވީ ޝަރީފް އެވެ.

އޭރުން މިހާރު އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ 91،000 ރުފިޔާގެ މުސާރަ މަހަކު 95،125 ރުފިޔާއަށް ބޮޑުވާނެއެވެ.

މަމްދޫހު ވިދާޅުވީ، އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑު ކުރަން ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ މުސާރަޔާ އެއްހަމަ މުސާރައެއް އުއްތަމަ ފަނޑިޔާރަށް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ.

މި ގޮތަށް އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ހިމެނޭހެން ޕީއެންސީގެ 40 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ގޮތަށް ފާސް ނުކުރަން ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންަބރުންނެވެ.