މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުން ޕާކިން ފީގެ އިތުރުން، އިތުރު ޗާޖެއް ނެގުމަށް ނިންމައި، އަންނަ އަހަރުން ފެށިގެން އެ ޗާޖު ނެގުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކޮންޖެޝަން ޗާޖު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ދެކޮޅު ހައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން، މީކާއީލް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ކޮންޖެޝަން ޗާޖުގެ ގޮތުގައި 36.3 މިލިޔަން ރުފިޔާގެ ޓެކުހެއް ނަގަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ޓެކުހަކީ މިވަގުތު އެންމެ ޒިންމާދާރުގޮތެއްގައި ނެގޭ ޓެކުހެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތު ހުރިގޮތުން ދައުލަތަށް އެއްޗެއް ހޯދުމަށް، މާލޭގައި ދުއްވާ ވެހިކަލްތަކުން އިތުރަށް އަހަރީ ފީއެއް ނަގަން ތައާރަފު ކޮށްފައިވާއިރު އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ނަގާ ޓެކުހެއް ކަމަށެވެ.

ނަމަވެސް ޓެކުހެއް ނެގުމުގެ މަގުސަދެއް އޮންނަން ޖެހޭނެ ކަމަށާއި، އެ ޓެކުހާ ގުޅިގެން މާލެއަށް ވެހިކަލް އިތުރުވާ އަދަދު، ނުވަތަ ބޭނުންކުރާ އަދަދު މަދުވާން ޖެހޭ ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

"އެހެން ނަމަވެސް މި ޓެކްސް ގެ ސަބަބުން މިއަށް އަންނާނެ ބަދަލެއް، އަޅުގަނޑުގެ ކޮށި ވިސްނުމަކަށް ހަމަގައިމުވެސް ނުވިސްނޭ،" މީކާއީލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެފަދަ ޓެކްސް ނަަގައި އުޅެނީ، ވަރަށް ރަނގޅު ޕަބްލިކް ޓްރާސްޕޯޓް ސިސްޓަމެއް ގާއިިމް ކޮށް ނިމިގެން ކަމަށެވެ.

އެކަންތައްތައް ގާއިިމް ކުރުމުގައި ތަރުތީބުތަކެއް ހަމަޖެހިފައި އޮންނަ ކަމަށާއި ނަމަވެސް ރާއްޖޭގައި އެކަންތައް މިފެންނަނީ ކުރިއަށް ހުރި ކަންތައް ފަހަށް އަދި ފަހަށް ހުރި ކަންތައް ކުރިއަށް ޖައްސާފައިވާ މަންޒަރު ކަމަށްވެސް ވިދާޅުވިއެވެ.

މީކާއިލްގެ ވާހަކައިގައި ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީ ޕްރޮޖެކްތައް އުނިކުރަން ގޮވައިލެއްވިއެވެ. ހާއްސަކޮށް ފުޓްސެލް ދަނޑުތަކުގެ މަސައްކަތްތައް ހުއްޓާލަން ޖެހޭކަމަށް މީކާއީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުޓްސެލް ދަނޑަކުން ބަނޑު ފުރާނަ މުއްތި ނުކުރެވޭނެ ކަމަށާއި ފޯނުބިލާއި ފެން ބިލާއި ނުދެއްކޭނެ ކަމަށާއި އެކަމުން ދައުލަތަށް ވެސް ލިބޭނެ އެއްޗެއް ނޯންނާނެ ކަމަށެވެ.