އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި، 59.7 މިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، ހުށަހެޅި ގޮތަށް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވާފައިވާ އިރު، އެކި އެކި މެންބަރުން އެ ބަޖެޓަށް 23 އިސްލާހެއް މަޖިލީހަށް ފޮނުއްވައިފިއެވެ.

ބަޖެޓް ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ކޮމިޓީގެ ރިޕޯޓް ހުށަހެޅުއްވުމަށް ފުރުސަތު ދެއްވުމަށްފަހު ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ބަޖެޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ.

މި އިސްލާހުތަކަށް ވޯޓަށް އެއްސެވުމަށްފަހު މުޅި ބަޖެޓް ފާސްކުރަން ވޯޓަށް އަހާނީ ބަޖެޓް ރިޕޯޓަށް މިއަދު ފެށި ބަހުސް ނިމުމުންނެވެ.

މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައިވަނީ، ބަޖެޓު ކޮމިޓީން ބަޖެޓު ދިރާސާކޮށް މަޖިލީހަށް ހުށަޅާ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނިޓުގެ ފުރުސަތެއް ދެއްވުމަށެވެ.

ބަޖެޓްގައި ހިމެނޭ މުހިއްމު ބައިތައް:

    • ޖުމްލަ ބަޖެޓު: 59.7 ބިލިއަން ރުފިޔާ
    • ޖުމްލަ ހަރަދު:52.6 ބިލިއަން ރުފިޔާ
    • ޖުމްލަ އާމްދަނީ: 43.2 ބިލިއަން ރުފިޔާ
    • ރިކަރަންޓް ހަރަދު: 42.7 ބިލިއަން ރުފިޔާ
    • ކެޕިޓަލް ހަރަދު: 9.8 ބިލިއަން ރުފިޔާ
    • ޕީއެސްއައިޕީ: 8.2 ބިލިއަން ރުފިޔާ
    • ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
    • ދަރަނި:161.3 ބިލިއަން ރުފިޔާ
    • ޖީޑީޕީ: 129.5 ބިލިއަން ރުފިޔާ