އައްޑޫގައި ވަކިން އޮތް ދެ ރަށް، ސިޓީ ކައުންސިލުން ވަކިކޮށް ރަށު ކައުންސިލް އުފެއްދުމަކީ، ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް ވުރެ ވެސް މުހިއްމު ކަމެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން އަމިއްލަ މެންބަރު އަބްދުއްރަހްމާން ވިދާޅުވީ އެހެން އެއްވެސް ސަރުކާރަކުން ކޮށް ނުދިން ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮށްދީފައިވާ ކަމަށާއި އެއީ "ރަށަށް މިނިވަންކަން ގެނެސްދެއްވުން" ކަމަށެވެ.

އެކަމަށްޓަކައި ސަރުކާރަށާއި ރައީސަށް ދާއިރާގެ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ހުށަހެޅި ބަޖެޓްގައި މީދޫ ކައުންސިލަށް ގްރާންޓްގެ ގޮތުގައި ދޭން 20.5 މިލިއަން ރުފިޔާ ހިމަނާފައި އޮތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ ކައުންސިލްގެ ރިކަރެންޓް ހަަރަދު ހަމަޖައްސާފައި ބާކީވާހާ ފައިސާ ކަމަށެެވެ.

ދެެން ކަައުންސިލް މެންބަރުންގެ ސިކުނޑި ތަން ދިން ވަރަަކަށް ސަރުކާރުން ފަހިކޮށްދިން ފުރުސަތުތަކުގެ ބޭނުން ހިފުމުގެ ފުރުސަތު އޮތް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މެންބަރު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަށް ބަލާއިރު، މާ ބޮޑު ޕްރޮޖެކްޓަކާއި ކަމެއް ހިނގާނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ.

ނަމަވެސް އަލަށް އާބާދުވި ސަރަހައްދަށް ކަރަންޓް ލުމާއި ދަތުރުފަތުރުގެ އިންތިޒާމާއި ބޭސް ލިބޭނެ އިންތިޒާމުގައި ހުރި ކަމަށާއި އެފަދަ ކުދި ކުދި މައްސަލަތައް ސަރުކާރުން ހައްލުކޮށްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.