ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށް، މަޖިލިސް ތަޅުމަށް ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓް ރިޕޯޓުގެ ބަހުސް މިއަދަށް މެދުކަނޑާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގެ ހުސްވަގުތުކޮޅު، 10:30 އަށް ނިމެން މިނިޓް ކޮޅަކަށް ވެފައިވަނިކޮށް، މިއަދުގެ މަޖިލިސް ޖަލްސާ ނިންމަވައިލައްވަމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ބަޖެޓް ބަހުސަށް ތައްޔާރު ވުމުގެ ގޮތުން ބަޖެޓް ރިޕޯޓް އިތުރަށް ދިރާސާ ކުރުމަށް މަޖިލިސް މެންބަރުންނަށް ވަގުތު ދޭން ގަސްތުކުރައްވާ ކަމަށެވެ.
ބަހުސްގައި ވާހަކަ ދެއްކެވުމަށް ވަރަށް ގިނަ މެންބަރުން އެދިފައިވާކަން ފާހަގަ ކުރައްވައި، މަޖިލިސް ރައީސް ވިދާޅުވީ ރިޕޯޓް އިތުރަށް ދިރާސާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ.
ދެން މަޖިލިސް ޖަލްސާއެއް އޮންނާނީ މާދަމާ ކަމަށް ވިދާޅުވެ މިއަދުގެ ޖަލްސާ ނިންމަވާލެއްވިއެވެ.
އެވަގުތަށް ބަޖެޓް ރިޕޯޓްގެ ބަހުސްގައި 12 މެންބަރުން ވަނީ ވާހަކަދައްކަވައިފައެވެ.
އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ 59.7 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
އިތުރަށް ދިރާސާ ކުރުމަށް ބަޖެޓް ކޮމިޓީއަށް ފޮނުވި ނަމަވެސް، ބަޖެޓް ދިރާސާކޮށް ކޮމިޓީގެ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހަޅާފައި ވަނީ، ސަރުކާރުން ފޮނުވިގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް،އެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެކި އެކި މެންބަރުން ބަޖެޓަށް 23 އިސްލާހެއް ހުށަހަޅަން މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައިވަނީ، ބަޖެޓު ކޮމިޓީން ބަޖެޓު ދިރާސާކޮށް މަޖިލީހަށް ހުށަޅާ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނިޓުގެ ފުރުސަތެއް ދެއްވުމަށެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް