އަންނަ 2027 ވަނަ އަހަރު ވެގެންދާނީ ރައްޔިތުންނަށް އުފާ ފާގަތި އަހަރަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، ހުށަހެޅުއްވި ގޮތަށް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްދިނުމާ ގުޅިގެން ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މަޖިލިސް މެންބަރުންގެ ނަމުގައި ތަހުނިޔާ ވިދާޅުވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް މަޖިލިހަށް ހުށަހެޅި ބަޖެޓް ފާސްކޮށްދެއްވީތީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އަންނަ އަހަރު ވެގެންދާނީ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ފަހި ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރު ވެފައިވާ ތަރައްގީގެ ދުވެލި އެތައް ގުނައަކުން ބާރު ރައްޔިތުންނަށް އުފާ ފާގަތި އަހަރެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ކޮމިޓީން ފޮނުވިގޮތަށް ބަޖެޓް ފާސްކުރަން ފެނޭތޯ ވޯޓަށް އެއްސެވުމުގެ ކުރިން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 23 އިސްލާހެއް މެންބަރުން ބަޖެޓަށް ހުށަހަޅުއްވާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލިސް ގަވާއިދުގެ 36 ވަނަ މައްދާގެ (ށ) އަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 25 ވަނަ ބާބުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަަ ވަނީ އެ އިސްލާހުތަކުގެ ތެރެއިން ހަތް އިސްލާހުގެ ކަމަށެވެ. އެއް އިސްލާހު އަނބުރާ ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލިސް ގަވާއިދުގައި ބުނާ ޝަރުތު ހަމަވާ އިސްލާހުތަަކަށް ވޯޓަށް އެއްސެވިއެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީ މެންބަރުން ހުށަހެޅުއްވި މި އިސްލާހުތަކުގެ ތެރެއިން އެއްވެސް އިސްލާހެއް ފާހެއް ނުކުރިއެވެ.

އެހެންކަމުން ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާފައިވާ ގޮތަށް ބަޖެޓް ފާސް ކުރަން ފެނޭތޯ، ރިޔާސަތުން ވޯޓަށް އެއްސެވިއެވެ.

އެ ވޯޓުން ބަޖެޓް ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 79 މެންބަރުންގެ ތެރެއިން 65 މެންބަރުް ވޯޓު ދެއްވައިގެންނެވެ. ބަޖެޓް ފާސްކުރަން ނުފަންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންނެވެ.

މިއަދު ފާސްކުރި ބަޖެޓްގައި، ޖުމްލަ ހަރަދުގެ ގޮތުގައި ދައުލަތުން ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 42.7 ބިލިއަން ރުފިޔާ ހިމެނެނީ ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދުގެ ގޮތުގައެވެ.

ދައުލަތުގެ ތަރައްގީގެ މަޝްރޫއުތަކަށް ހިމެނޭ ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 9.9 ބިލިއަން ރުފިޔާއެވެ. އަދި ޕީއެސްއައިޕީއަށް 8.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނައިފައެވެ.

އަންނަ އަހަރު އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.

މިއީ މި ހިނގާ 2026 ވަނަ އަހަރާ އަޅައި ބަލާއިރު 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެ ކަމަށް އަންދާޒާކުރެވޭ އިރު، 2028 ވަނަ އަހަރު، 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު، 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.