Close
މިނިސްޓަރު އިމްރާން އަބްދުﷲ

ސަފާރީގައި ހިނގީ ކުޑަކަމެއް ކަމަށް ވިދާޅުވުމުން އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިދިނުމަށް އެދިއްޖެ

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ ކުޑަ މައްސަލައެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެ، އިންސާފަށް ހުރަސް އެޅޭ ގޮތަށް ވާހަކަދައްކަވާފައިވާތީ މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ކެންޔާ އަންހެން މީހާގެ ވަކީލުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްްރާމްގައި އާންމުންގެ ފަރާތުން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ރޭ ވަނީ، ސަފާރީގައި ހިނގީ "އާންމު ތަނެއްގައި ހުރެފަވެސް ކޮށްލެވޭނެ ކަހަލަ ކަމެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމުގެ ހަގީގަތަކީ އާންމުންގެ ތެރޭގައި ދައްކަމުން އަންނަ ކަހަލަ ބޮޑު ރޭޕް ކޭހެއް ސަފާރީގައި ނުހިނގާކަން ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ކެންޔާ އަންހެން މީހާގެ ދެ ވަކީލުން ކަމަށް ވާ ނޫރުބާން ފަހުމީ އަދި ހައްވާ ޝަފީއާ ރިޒާގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިއަދު ފޮނުއްވި ސިޓީގައި އިމްރާން ދެއްކެވި ވާހަކަތައް ވަނީ ކުށްވެރިކޮށްފަ އެވެ.

އެ ސިޓީގައި ވަކީލުން ވިދާޅުވީ، ސަފާރީ ކޭހުގެ ތަހުގީގަށް މުވައްކިލު ދީފައިވާ ބަޔާންތަކުގައި ވެސް، އެފަރާތް މަރާލާނެ ކަމަށް ބުނެ ބިރުދައްކައި ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދިއުމަށް މަސައްކަތްކޮށްފައިވާކަން ހާމަވާން އޮތް އިރު އެ ހާދިސާއަކީ އާންމު ތަނެއްގައި ހުރެފައި ވެސް ބަޔަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވުމުން އެ މައްސަލައިގެ ތަހުގީގަށް ޖިންސީ އަނިޔާ ލިބުނު ފަރާތުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫންކަން ފާހަގަކުރެވޭ ކަމަށެވެ.

ވަކީލުން އިތުރަށް ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ފުރިހަމަވެފައިނުވާ ދަނޑިވަޅެއްގައި، ޖިންސީ އަނިޔާގެ އެފަދަ ބޮޑު އަމަލެއް ހިމެނޭ މައްސަލައެއް އެއީ ކުޑަކަމެއްގެ ގޮތުގައި ވިދާޅުވެ އާންމުންނަށް ހަގީގަތް އޮޅޭ ގޮތަށް އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަށް ކުށުގެ ޒިންމާއިން ބަރީއަވާ ގޮތަށް މިނިސްޓަރު އިމްރާން ވާހަކަދައްކަވާފައިވާތީ، މިނިސްޓަރުގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލަ ތަހުގީގުކުރާ އިދާރާއާ ހަވާލުވެ ހުންނެވި ވަޒީރު އެފަދައިން ވާހަކަދައްކަވާފައިވާތީ، އިންސާފުވެރިކަމާއި އަަދުލުވެރިކަމާއެކު އެ މައްސަލަ ތަހުގީގު ކުރެވޭނޭކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

"މި މައްސަލައިގެ ޖިނާއީ އަަދުލުގެ ފުރަތަމަ މަރުހަލާ ކުރިއަށްދަމުންދަނިކޮށް، މައްސަލައިގެ އިންސާފަށް ހުރަސްއަޅާ ގޮތަށް މިނިސްޓަރު އޮފް ހޯމް އެފެއާޒް ޝެއިހް އިމްރާން އަަބްދުﷲ އާންމުކޮށް ވާހަކަދައްކަވާފައިވާތީ، ޝެއިހް އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބައްލަވައިދެއްވައި، ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުތަކުގެ ދަށުން މި މައްސަލައާގުޅިގެން ޝެއިހް އިމްރާން އަަބްދުﷲ އާ މެދު އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް މަނިކުފާނުގެ އަރިހުން ވަރަށް އަދަބުވެރިކަމާއެކު ދެންނެވީމެވެ.،" ވަކީލުންގެ ސިޓީގައި ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިދިނުމަށް އެދި ވަކީލުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާއިރު އެ މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު ކުރިއަށް ނުދާތީ، ވަކީލުން ވަނީ އެކަމުގެ ޝަކުވާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ޕްރޮސެކިއުޓާ ޖެނެރަލް އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ވެސް ހުށަހަޅައިފަ އެވެ.