މަޖިލީހުގެ ރައީސް

ބުއްދިވެރި ގޮތަކީ 2012 އާއި 2018 އާ ދެމެދު ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާކުރުން: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދު މިހާރު މިއޮތް ހާލަތަށް ބަލައި، އެންމެ ބުއްދިވެރި ގޮތަކީ 2012 އިން ފެށިގެން 2018 ގެ ނިޔަލަށް އެކި ފަރާތްތަކުން ރާއްޖެއިން ނަގާފައިވާ ދަރަނި، އިތުރު ޖޫރިމަނާއަކާ ނުލައި ރީ ސްޓްރަކްޗާ ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރާއްޖޭގެ ދަރަނި އިތުރުވަމުންދާ މައްސަލަ އާއި، މިހާލަތުގައި ރާއްޖޭގެ އާމްދަނީ އިންތިހާއަށް ދަށްވެފައިވާ ކަން ފާހަގަ ކުރައްވައި މިއަދު ކުރެއްވެވި ޓުވީޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ، ދަރަނި ނެގުމުގެ ނުރައްކަލަކީ، އެ ދަރަނި ދައްކަން ޖެހޭއިރު އެވަރަށް އާމްދަނީ ނެތުން ކަމަށެވެ.

އެގޮތުން 2012 އިން ފެށިގެން 2018 ވަނަ އަހަރާ ދެމެދު ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑު ހަމަވެ، ދައްކަން މިޖެހެނީ މިހާރު މިއޮތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކަމަށާއި މިވަގުތު މިވަނީ ސަރުކާރުގެ އާމްދަނީ އެކީހެން ނެތިފައި ކަމަށް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެންމެ ގިނައިން ދަރަނި ދައްކަން ޖެހެނީ 2021 އިން 2023 އާއި ދެމެދު ކަމަށެވެ.

"ދަރަނީގެ ނުރައްކަލަކީ، ދަރަނި އަނބުރާ ދައްކަން ޖެހޭއިރު އެވަރަށް އާމްދަނީ ނެތުން. 2012 އިން 2018އާ ދެމެދު ސަރުކާރުން ނަންގަވާފައިވާ ގިނަ ދަރަނި ތަކުގެ ގްރޭސް ޕީރިއަޑު ހަމަ ވެ ދައްކަން މިޖެހެނީ، ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރަށް. އަދި މިވަގުތު މިވަނީ ސަރުކާރުގެ އާމްދަނީ އެކީހެން ނެތިފަ. އެންމެ ގިނައިން ދައްކަން ޖެހެނީ 2021 އިން 2023 އާއި ދެމެދު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު، މިއަހަރު ރާއްޖެއަށް ލިބޭނެކަމަށް ލަފާކުރި އާމްދަނީ އެތައް ގުނައަކުން ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ރާއްޖޭން ދައްކަން ޖެހޭ ލޯނު، ދެއްކުން ފަސްކޮށްދިނުމަށް އެދި އެކި ފަރާތްތަކާއެކު ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.