ރަށްރަށުގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް އަލުން ހުޅުވާލާއިރު އެރަށެއްގެ އާންމުންނާއި ޓޫރިސްޓުން ވެސް އާންމު ތަންތަނުގައި މާސްކު އަޅަންޖެހޭނެ ކަމަށް ކޮވިޑް-19ގެ ހާލަތުގައި ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ގައިޑްލައިންގައި ބުނެފި އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތައް މާޗު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައި އޮތުމަށްފަހު އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް އަލުން ހުޅުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ތާރީހުގައި ވެސް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދައެއް ނުދޭނެ އެވެ.
ގެސްޓް ހައުސްތައް އަލުން ހުޅުވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތަކާއި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅައި ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ޑްރާފްޓް ގައިޑްލައިނެއް ތައްޔާރުކޮށްފަ އެވެ. އަދި އެ ގައިޑްލައިން މިހާރު ވަނީ ގެސްޓް ހައުސްތަކަށް ވެސް ފޮނުވައިފަ އެވެ.
އެ ގައިޑްލައިނުގައި ބުނެފައިވަނީ، ރަށު ތެރެއަށް ކޮވިޑު ފެތުރިގެން ދިއުން ހުއްޓުވުމަށް ރަށެއްގެ އާންމުންނާއި ޓޫރިސްޓުން ވެސް އާންމު ތަންތަނުގައި މާސްކު އަޅަން ޖެހޭނެ ކަމަށާއި އަދި އާންމުން ދިރިއުޅޭ ގެތަކަށް ޓޫރިސްޓުން ވަނުމަކީ މަނާ ކަމެއް ކަމަށް ކަމަށެވެ.
ނަމަވެސް ރަށުގެ އާންމުންނަށް އެރަށެއްގެ ކެފޭތަކާއި ރެސްޓޯރެންޓުތައް ބޭނުން ކުރެވޭނެ ކަމަށާއި އަދި ޓޫރިސްޓުންނަށް ރަށުގެ ފިހާރަތަކަށް ވަދެ ވިޔަފާރި ވެސް ކުރެވޭނެ ކަމަށް ގައިޑްލައިންގައިވެ އެވެ. އަދި އެ ކެފޭތަކާއި ފިހާރަތަކުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް އަމަލު ކުރަންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭގެ އިތުރުން ޓޫރިސްޓުންނާއި ގެސްޓް ހައުސްގެ ސްޓާފުން ވެސް ކޮންޓެކްޓް ޓްރޭސިން އެޕް، "ޓްރޭސްއެކީ" ބޭނުން ކުރުން އެދެވިގެންވާ ކަމަށް ގައިޑްލައިންގައި ބުނެފައިވެ އެވެ.
ގެސްޓްހައުސް
ގެސްޓްހައުސް
ގެސްޓްހައުސް