ހއ. ހޯރަފުށީ ޓޫރިޒަމް ޒޯނުގައި ޓޫރިސްޓު ގެސްޓްހައުސް ކުއްޔަށް ދީ، ތަރައްގީކޮށް އަދި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހއ. ހޯރަފުށީ ކައުންސިލުން ހުޅުވާލައިފިއެވެ.
ހޯރަފުށީ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަޝްރޫއުގެ ދަށުން ޖުމްލަ ހަ ގެސްޓްހައުސްއެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކައުންސިލުން ބުނި ގޮތުގައި، މި މަޝްރޫއަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ހޯރަފުށީގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކުން ހަ ބިމެއް މިކަމަށް ވަނީ ކަނޑައަޅައިފައެވެ.
މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 1 އޮކްޓޯބަރު 2026 ގެ ހެނދުނު 11:00 ގެ ކުރިން ރަޖިސްޓަރީކޮށް، ބިޑް ޑޮކިއުމަންޓް ގަންނަން ޖެހޭނެއެވެ. ރަޖިސްޓަރީވުމަށް ކައުންސިލުން ވަނީ ހާއްސަ ގޫގުލް ފޯމެއްގެ ލިންކް (https://forms.gle/GG6GtSZKU3wTD8ns9) އާންމުކޮށްފައެވެ. މި ބީލަމުގައި ބައިވެރިވުމަށް ކައުންސިލުން މަރުހަބާ ކިޔަނީ މާލީ ގޮތުންނާއި ފަންނީ ގޮތުން ގާބިލުކަން ހުރި ފަރާތްތަކަށެވެ. އެފަދަ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 12 އޮކްޓޯބަރު 2026 ގެ ހެނދުނު 11:00 އެވެ. ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހެނީ ސީދާ ހޯރަފުށީ ކައުންސިލަށެވެ.
މި ބީލަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށާއި ރަޖިސްޓަރީވުމާ ގުޅޭ ކަންކަމުގައި ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް މުއާމަލާތްކުރެވޭނެ ކަމަށް ހޯރަފުށީ ކައުންސިލުން ވަނީ ބުނެފައެވެ.
ހޯރަފުށި
ހޯރަފުށި
ހޯރަފުށި
ކޮމެންޓް