ފަތުރުވެރިކަމުގެ ދާއިރާގައި އާ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ ފައިނޭންސިންއަށް ބޭންކް އޮފް މޯލްޑިވްސްއިން ހެޔޮ ބަދަލުތަކެއް ގެނެސްފިއެެވެ.

ބީއެމްއެލް އިން މިއަދު ބުނީ މި ބަދަލުތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށާއި ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައި ބޭންކުން ގެނައި ބަދަލުތަކެއް ކަމަށެވެ.

ބީއެމްއެލްއިން ގެނައި ބަދަލުތަކުގެ ތެރޭގައި، ގެސްޓްހައުސް ފައިނޭންސިންގެ ދަށުން އިންވެސްޓަރުން އަމިއްލައަށް ހަރަދުކުރަން ޖެހޭ އިކުއިޓީގެ މިންވަރު ވަނީ 30 ޕަސެންޓުން 20 ޕަސެންޓަށް ދަށްކޮށްފައެވެ.

އަދި ފައިނޭންސް އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށްދީ، ދެ އަހަރުގެ ގްރޭސް ޕީރިއަޑެއް ވަނީ ކަނޑައަޅައިފައެވެ.

މި ފެސިލިޓީގައި ދިވެހި ރުފިޔާއިން ފައިނޭންސް ނަގައި ޑޮލަރުން އަނބުރާ ދައްކާ ފަރާތްތަކަށް އަހަރަކު ހަތް ޕަސެންޓްގެ ރޭޓެއް ހަމަޖައްސާފައިވާ އިރު، ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާ ފައިނޭންސްތަކަށް ކަނޑައަޅާފައިވަނީ ނުވަ ޕަސެންޓެވެ.

މީގެ އިތުރުން ސަފާރީ ނުވަތަ ލިވްއެބޯޑް ފައިނޭންސިންގެ އިކުއިޓީ ވަނީ 30 ޕަސެންޓުން 25 ޕަސެންޓަށް ދަށްކޮށްފައެވެ. އަދި ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 7 އަހަރުން 12 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑް ވަނީ އެއް އަހަރުން ދެ އަހަރަށް ދަންމާލައިފައެވެ.

މި ފެސިލިޓީގެ ދަށުން ރުފިޔާއިން ފައިނޭންސް ނަގައި ޑޮލަރުން އަނބުރާ ދައްކާނަމަ އަށް ޕަސެންޓްގެ ރޭޓެއް އަދި ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާނަމަ 10 ޕަސެންޓްގެ ރޭޓެއް ލިބޭނެއެވެ.

ފައިނޭންސް ހޯދުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިކުއިޓީ ދެއްކުން ކަމަށްވާތީ، މަޝްރޫއަށް މިހާރުވެސް ކަސްޓަމަރު އަމިއްލައަށް ކޮށްފައިވާ އިންވެސްޓްމަންޓްތައް، އިކުއިޓީގެ ގޮތުގައި ބަލައިގަތުމަށް ވެސް ބޭންކުން ވަނީ ނިންމައިފައެވެ. މިގޮތަށް ބަލައިގަންނާނީ ބޭންކުން ގަބޫލުކުރާ މިންވަރަށް އަގުކޮށް، ވެރިފިކޭޝަން މަރުހަލާތައް ފުރިހަމަކުރެވޭ އިންވެސްޓްމަންޓްތަކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިސޯދުގެ މައިނާރު ކަމަށާއި ބޭނުންވަނީ މި ދާއިރާގައި ދިވެހިންގެ ހިއްސާ އިތުރުކުރަން ކަމަށެވެ.

"އިކުއިޓީ ދަށްކޮށް، އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށް، އަދި ކަސްޓަމަރުން މިހާރުވެސް ކޮށްފައިވާ މަސައްކަތްތައް ބަލައިގަތުމުން، މި ދާއިރާއަށް ވަނުމަށް ހުރި ބޮޑެތި ހުރަސްތައް ނެތިގެންދާނެ. މި ބަދަލުތަކުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިޔަފާރިތައް އުފައްދައި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށް، ގައުމީ ކުރިއެރުމުގައި މި ދާއިރާގެ ދައުރު ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ." ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބީއެމްއެލް އިން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދީގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މި ހިނގާ އަހަރުގެ ތެރޭގައި ފަތުރުވެރިކަން ހިމެނޭހެން މުޅިން އަލަށް 15 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ބޭންކުން ވަނީ ދޫކޮށްފައެވެ.

ބީއެމްއެލުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ހާއްސަ އިސްކަމެއް ދީގެން މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ބޭންކުން ވަނީ ފަތުރުވެރިކަން ހިމެނޭހެން މުޅިން އަލަށް 15 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައެވެ.