ރާއްޖޭގައި ފުޅާވަމުން އަންނަ ލޯކަލް ޓުއަރިޒަމް ދާއިރާގެ ވިޔަފާރިތައް ތަރައްގީކޮށް ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން، ޑޮލަރުން ފައިސާ އަނބުރާ ދައްކާ ގޮތަށް ކުޑަ ފައިދާ ރޭޓެއްގައި "ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިން" ގެ ނަމުގައި އާ ފެސިލިޓީއެއް އެސްއެމްއީ ޑިޖިޓަލް އިން މިއަދު ތައާރަފުކޮށްފިއެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނީ މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީއާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދައުރުކުރާ މިންވަރު އިތުރުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނި ގޮތުގައި ޔޫއެސް ޑޮލަރުން ފެސިލިޓީއަށް ފައިސާ އަނބުރާ ދައްކާ ގޮތަށް ތައާރަފުކޮށްފައިވާ މި ފެސިލިޓީއަށް ކަނޑައަޅާފައިވަނީ 7.5 ޕަސަންޓުގެ ކުޑަ ފައިދާ ރޭޓެކެވެ. މިއީ ގެސްޓްހައުސް ވިޔަފާރިތަކަށް އިތުރަށް އިންވެސްޓްކޮށް ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާ ލުއިފަސޭހަ ފުރުސަތެއް ކަމަށް ބުންޏެވެ.
މި ފެސިލިޓީ މެދުވެރިކޮށް ދިހަ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާ އިރު، ފައިސާ އަނބުރާ ދެއްކުމަށް 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 15 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނީ އާ ގެސްޓުހައުސްތައް އިމާރާތްކުރުމަށާއި މިހާރު ހިނގަމުން އަންނަ ގެސްޓްހައުސްތައް ފުޅާކުރުމަށާއި އިމާރާތްތައް މަރާމާތުކޮށް ޒަމާނީ ކުރުމަށާއި ލޯކަލް ޓުއަރިޒަމަށް އެހީތެރިވެދޭ ހިދުމަތްތައް ތަރައްގީކުރުމަށާއި ވޯކިން ކެޕިޓަލް ހަމަޖެއްސުމުގެ އިތުރުން ޓެކްނޮލޮޖީގެ އާ އީޖާދުތައް ތައާރަފުކުރުމަށް މި ފައިނޭންސިން ބޭނުންކުރެވޭނެ ކަމަށެވެ.
މި ފެސިލިޓީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ޔޫއެސް ޑޮލަރުން އާމްދަނީ ލިބޭ ގެސްޓްހައުސް ވިޔަފާރިތަކަށް މި ފެސިލިޓީގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ލޯކަލް ޓުއަރިޒަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހިތްވަރުދީ، މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިޔަފާރިތައް ކުރިއެރުވުމަށް ދެވޭ މުހިންމު އެއްބާރުލުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ރަސްމީ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފައެވެ.
އަލީ ޔާމިން
އެސްއެމްއީ ޑިޖިޓަލް
އެސްއެމްއީ ޑިޖިޓަލް
އެސްއެމްއީ ޑިޖިޓަލް
އެސްއެމްއީ ޑިޖިޓަލް
ކޮމެންޓް