ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްވުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި، ވަކީން ހާއްސަކޮށް ގެސްޓްހައުސް ވިޔަފާރިތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ.
އިއްޔެ ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމާ ގުޅިގެން، ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ، އުރީދޫގެ "އެމް-ފައިސާ"އާއި ޕޭޕަލް ގުޅައިލެވުމުން ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ބޭރު ފައިސާ ބަލައިގަތުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.
ނިޔާޒް ވިދާޅުވީ، ކޮންމެހެން ފޯނުގައި ޕޭޕަލް އެޕްލިކޭޝަން އޮތުން މުހިންމު ނޫން ކަމަށާއި، ކަސްޓަމަރުން ފޮނުވާ ޑޮލަރު ސީދާ އެމް-ފައިސާ ވޮލެޓުން ފެންނަން ހުންނާނެ ކަމަށެވެ. މިއީ ވިޔަފާރިވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަމަށް ނިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕޭޕަލްގެ މިންގަނޑުތަކަށް އެމް-ފައިސާގެ ޕްލެޓްފޯމް ފެއްތުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށެވެ. އަދި މިކަމަށްޓަކައި ވަރަށް ގިނަ ދުވަހު ދިގު ޓެސްޓިން މަރުހަލާތަކެއް ކުރިއަށް ގެންދިޔަކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.
ޕޭޕަލްގެ ހިދުމަތާއެކު ޒުވާނުންނަށާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފައިސާ ހޯދުމަށް ހުރި ހުރަސްތައް ނެތިގެންދާނެކަމަށް ނިޔާޒު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
ކޮމެންޓް