ޕީޕީއެމް އާއި ޕީއެންސީ 75000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޕީޕީއެމް އާއި ޕީއެންސީ 75000 ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގައިޑުލައިނާއި ތަކުރާރުކޮށް ހިލާފު ވުމުން ކަމަށެވެ.
އިލެކްޝަނުން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ މިއަދު ޖޫރިމަނާ ކުރި އިރު، މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މާލޭގައި ބޭއްވި ސައިކަލު ބުރާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ފުލުހުން ބުނެފައިވަނީ މި ޖޫރިމަނާ އަކީ ޝުޖާއު އެޗްޕީއޭގެ އުސޫލުތަކާ ހިލާފުވުމުން ކޮށްފައިވާ ޖޫރިމަނާއެއް ކަމަށެވެ.
މީގެ އިތުރުން އިދިކޮޅުން ބޭއްވި ސައިކަލު ބުރާއި ގުޅިގެން އެ ކޯލިޝަންގެ ބައެއް ވެރިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން