ކޮވިޑް 19ގެ ކަންކަމުގައި ރައްޔިތުންނަށް ދޮގު މައުލޫމާތު ދީ އޮޅުވާލައިގެން ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން މާލިއްޔަތުގެ ގާނޫނާއި ގަވައިދާ ހިލާފަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމު ހުށަހެޅުއްވި މި މައްސަލަ މަޖިލީހަށް ބަލައިގަނެ ދެންމެ ވަނީ ބަހުސްކުރަން ފާސްކޮށްފައެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު އުޝާމް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުތަކަށް ބެލުމުން ކޮވިޑާ ގުޅިގެން ހަރަދު ކުރުމުގައި ރާއްޖޭގެ މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެތަކެއް ކަންކަން ކޮށްފައިވާކަން ހާމަވާ ކަމަށެވެ.
އެ ރިޕޯޓްތަކުގައިވާ ގިނަ ކަންތައްތަކަކީ މީގެ އެތަކެއް މަސްތަކެއް ކުރިން ފެށިގެން އެކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިިލިސްވެސް ހިމެނޭ ގޮތުން އެކި ފޯރަމް ތަކުގައި އެ މިނިސްޓްރީތަކާ ސުވާލު ކުރެވިފައިވާ ކަންކަން ކަމަށް އުޝާމް ވިދާޅުވިއެވެ.
އެ ސުވާލުތަކާ ގުޅިގެން ރައްޔިތުންނަށް އެކަމުގެ މައުލޫމާތު ހާމަކުރިއިރު އެ މިނިސްޓްރީތަކުން ދޮގު މައުލޫމާތުތަކެއް ހާމަކޮށް ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
މެންބަރު އުޝާމް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ މިފަދަ ބޮޑެތި ކަންކަން ހިންގަމުން ދަނީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންގެ ބޮޑެތި އިހުމާލުތަކެއް އޮވެގެންކަމަށް ފެންނަ ކަމަށެވެ.
އެހެންކަމުން އެފަދަ ކަންކަން ހުއްޓުވުމަށް މިހާރުން މިހާރަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަކީ މުހިއްމު ކަމަކަށްވާތީ މިކަމުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށް މި މައްސަލަ ރައްޔިތުންގެމަޖިލީހަށް ހުށަހެޅުއްވީ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.