ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ތަސްދީގު ނުުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަލެއްވި، "އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު" އަށް މެންބަރުން ބަހުސް ކުރެއްވުމަށްފަހު އެ ބިލް އިތުރަށް ދިރާސާކުރުމަށް އަލުން އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލް އިޖުތިމާއީ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއުއެވެ. ތާއީދު ކުރެއްވީ، ހޯރަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަލީ ހުސެއިންއެވެ. ބިލް ކޮމިޓީއަށް ފޮނުވަން ފާސްްކުރީ ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 62 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަކީ، 14 މެއި 2026 ވީ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ބިލެކެވެ.
ނަމަވެސް ރައީސް މުއިއްޒު ވަނީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އެ ބިލާ މެދު އަލުން ވިސްނުމަށް އަނބުރާ މަޖިލީހަށް ފޮނުއްވައިފައެވެ.
އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލަށް ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލުތަކާ އެކު، އެ ބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވައެވެ.
އެ ބިލުގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތް ދިނުމަށް ކަނޑައަޅަން ޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތަކާއި އެނޫން ވެސް ކަމާގުޅޭ އުސޫލުތައް ހަދަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ބިލުގައިވާ ގޮތުން، ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް އޯގަން ޑޯނާ ޓްރާންސްޕްލާންޓު ކުރުމަށެވެ. ހަދިޔާ ކުރެވޭނީ އެއް ވައްތަރެއްގެ ދެ ގުނަވަން ހުންނަ ގުނަވަންތަކާއި އެ ގުނަވަނުން ބައެއް ނެގި ނަމަވެސް، ރީޖެނެރޭޓް ވާ ގުނަވަންތައް ކަމަށެވެ. ނަމަވެސް މީހެއްގެ އޯވަރީއެއް ނުވަތަ ޓެސްޓިކަލެއް ޓްރާންސްޕްލާންޓް ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ގުނަވަން ހަދިޔާކުރާ ފަރާތްތަކުގެ ވަކި ޝަރުތުތަކެއް ވެސް ހުންނަން ޖެހެއެވެ. އެއީ ދިވެއްސަކަށް ވުން، 18 އަހަރު ވެފައިވުން، އަމިއްލަ އިހުތިޔާރުގައި އެކަމަށް ރުހިގެން ގުނަވަން ހަދިޔާކުރުން އަދި ބުއްދި ސަލާމަތުން ހުރުމެވެ. ނަމަވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ ފަރާތްތަކުގެ ގުނަވަން ހަދިޔާ ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
އެ ބިލުގައިވާ ގޮތުން، އެ ހިދުމަތަށް ހާއްސަ ކައުންސިލަކާއި ކޮމިޓީ އެއް ވެސް އުފައްދަން ޖެހެއެވެ. "ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލު"ގެ ނަމުގައި އުފައްދާ ކައުންސިލުގެ މަސްއޫލިއްޔަތުތަކަކީ ގަވާއިދު ހެދުމަށް އިރުޝާދުދީ، ހިދުމަތް ދިނުމަށް ހުއްދަދިނުމާއި ހުއްދަ ބާތިލުކުރުމާއި ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި އޮތޮރައިޒޭޝަން ކޮމިޓީން މަސައްކަތް ކުރަމުންދޭތޯ ބެލުމެވެ. އަދި ހިދުމަތްދޭ މަރުކަޒުތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ވޭތޯ ބަލާނީވެސް އެ ކައުންސިލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން "ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ"ގެ މަސްއޫލިއްޔަތުތަކަކީ، ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދިނުމެވެ. އެ ކޮމިޓީއަށް ހުއްދައަށް އެދި ހުށަހެޅުމުގެ ކުރިން ކޮންމެ ހޮސްޕިޓަލެއްގައި ގާއިމުކޮށްފައިވާ "ކުލިނިކަލް ކޮމިޓީ" އާއި "އެތިކްސް ކޮމިޓީ" އިން ބަލަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ވަނީ ހިމަނައިފައެވެ. އެގޮތުން ޓްރާންސްޕްލާންޓު ކުރުމަށް ހުއްދަދިނުމަށް ވަކި އިޖުރާތްތަކެއް ފުރިހަމަ ކުރަން ޖެހެއެވެ.
އެ ބިލުގެ ދަށުން ރުހުން ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓު ކުރުން އަދި ގުނަވަނުގެ ވިޔަފާރި ކުރުމަކީ ގާނޫނީ ކުށެކެވެ. އެގޮތުން އެ ކުށްތައް ކޮށްފި ނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން ހިމެނެއެވެ. އެ ޖޫރިމަނާތަކާ އެކު، ބައެއް ކުށްތަކުގައި އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ބިލުގައިވެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް