ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންސްޕާ މެދުވެރިކޮށް ދެމުން ގެންދާ ފައިސާގެ އެހީ ޖަމާވުން ލަސްވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މަޖިލިސް މެދުވެރިކޮށް އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ ދައުލަތުގެ މައްޗަށް ގާނޫނު އަސާސީ އިން ލާޒިމް ކުރާ ކަމެއް ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށް ދައުލަތުން ދޭ މާލީ އެހީއެއް ނުވަތަ އިނާޔަތެއް ލިބުމުގެ ހައްގު ކަށަވަރުކޮށްދޭކަން ކުޑޫ ވަނީ ފާހަގަ ކުރައްވައިފައެވެ.

ނަމަވެސް ފަހަކަށް އައިސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންސްޕާ މެދުވެރިކޮށް ދައުލަތުން ދޫކުރާ މާލީ އިނާޔަތް ކަނޑައެޅިފައިވާ ތާރީހަށް، ޖަމާވަމުން ނުދާ ކަމަށް އެ ސީޓީގައި ކުޑޫ ވަނީ ވިދާޅުވެފައެވެ.

އެ އިނާޔަތަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބޭސްފަރުވާ އާއި ފަރުދީ އަދި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބަރޯސާވާ ހަމައެކަނި މާލީ ވަސީލަތް ކަން ފާހަގަ ކުރައްވައި އެ ފައިސާ ޖަމާވުން ލަސްވުމުގެ ސަބަބުން އެމީހުންނާއި އެމީހުންގެ އާއިލާތަކަށް މާލީ އަދި ނަފްސާނީ ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެ މައްސަލަ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީ އަށް ހުށަހަޅައި، އެންސްޕާ އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ކޮންމެ މަހެއްގެ ވެސް ކަނޑައެޅޭ ވަކި ސުންގަޑިއަކަށް އެ ފައިސާ ބަރާބަރަށް ޖަމާކޮށްދޭނެ ނިޒާމެއް ސަރުކާރުން ކަށަވަރު ކުރުމަށް މަޖިލީހުން ބާރުއަޅައިދިނުމަށް ކުޑޫ ވަނީ އެ ސިޓީގައި އެދިވަޑައިގެންފައެވެ.