ލުއިތަކާއެކު ދިވެހިން ބަސް އަހާނެ އެވެ. ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދުތައް އަޑު އަހައި ދިވެހީން ބޯލަނބާނެ އެވެ. މިއީ ސަރުކާރުން އެންމެ ފުރަތަމަ ލުއިތައް ދިން އިރު، އުއްމީދުކުރި ގޮތެވެ. އެންމެ ފުރަތަމަ ލޮކްޑައުންގެ ހަރުކަށި އުސޫލުތަކަށް ދިވެހިން ފުރިހަމައަށް ބޯލެނބުމުން ލުއިތަކާއެކުވެސް ރައްޔިތުން ބޯލަނބާނެ ކަމަށް ސަރުކާރުން ޔަގީންކުރިއެވެ. ނަމަވެސް ލުއިތަކާއެކު ނިއު ނޯމަލް ފެށި، އެއް މަސް ވަނީ އެވެ. ދިވެހިން ބަހެއް ނޭހި އެވެ. އެހެން ކަމުން އާންމުންގެ ގިނަ ބައެއްގެ އޮތީ އެއް ޝަކުވާ އެކެވެ. ބޮޑު އެއް ސުވާލެވެ. ސަރުކާރުން ފިޔަވަޅުތައް ހަރުކަށި ކުރާކަށް ނުވޭ ހެއްޔެވެ؟
ސިއްހީ މާހިރުންނާއި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މި މަހުގެ އެއް ވަނަ ދުވަހު މިވަނީ މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުނަށް، ނިއު ނޯމަލްގެ ނަން ދިނުމަށްފަހު ލުއިތަކެއް ދީފަ އެވެ. އެ ލުއިތަކުގެ ތެރޭގައި ބޭރަށް ނުކުމެ އުޅޭވޭ ވަކި ގަޑިތަކެއް ކަނޑައެޅުމާއި 30 މީހުނަށްވުރެ ގިނަ ނުވާ ވަރަށް އެއްވެ އުޅުމުގެ ހުއްދައިގެ އިތުރުން ކެފޭ ރެސްޓޯރެންޓްތަކުގައި ޑައިނިން ކުރުމަށްވެސް މި ވަނީ ހުއްދަ ދީފަ އެވެ. ލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަވެސް މިހާރު ވަނީ ދީފަ އެވެ.
ނިއު ނޯމަލްގައި ލުއިތަކެއް ދީފައި މިވަނީ ގައިޑްލައިންތަކަކާއެކު އެވެ. ނަމަވެސް މިއަދު މިވަނީ ރައްޔިތުން ކަންބޮޑުވާ ހިސާބަށް އަނެއްކާވެސް ރާއްޖޭގެ ހާލަތު ގޯސްވެފަ އެވެ. ފުރަތަމަ ލޮކްޑައުނަށް ރާއްޖެ ދިޔައިރު، ދިވެހިން ޕޮޒިޓިވް ވާ މިންވަރު ވަރަށްވެސް މަދެވެ. އޭރު ގިނައިން ޕޮޒިޓިވް ވަނީ ބިދޭސީންނެވެ. މި ފަހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގުވެސް ވަނީ ޕޮޒިޓިވާ މީހުންގެ އަދަދު ގިނަ ކަމަށް ވިދާޅުވެފަ އެވެ. ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ގިންތީގެ މީހުން ގިނަ ކަމަށެވެ.
ޑރ. ނަޒްލާގެ އިތުރުން ޑރ. އިބްރާހިމް އަފްޒަލް ވެސް ވަނީ މިހާރު އޮތް ބިރުވެރި ހާލަތުގެ ވާހަކަ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ދިވެހިން ގިނަ ކަމަށާއި ދިވެހިންގެ ކޮންޓެކްޓުންވެސް ވަރަށް ގިނަ ކަމަށެވެ. މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، ދިވެހިންގެ އިތުރުން ބިދޭސީންގެ މެދުގައިވެސް ކޮމިޔުނިޓީ ސްޕްރެޑް ވަރަށް ބޮޑަށް އެބައޮތް ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ގައުމު އޮތް ހާލަތު ސިއްހީ އިސް މާހިރުން މިވަނީ ވަރަށް ވެސް ބޮޑަށް ސިފަ ކޮށްދީފަ އެވެ. އެހެން ކަމުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދެވަނަ ރާޅަކަށް ރާއްޖެ އަނެއްކާވެސް ކުރިމަތިލަނީ އެވެ. ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، ލޮކްޑައުންގެ ދެވަނަ ވިސްނުމަކަށްދާން ޖެހޭ ކަމަށް އާންމުންގެ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ސަރުކާރުން ލޮކްޑައުން ހަރުކަށި ކުރުމަށް ބިރު ގަންނަނީތޯވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ވަނީ ސަރުކާރަށް އެފަދަ ސުވާލެއް ކުރިމަތިކުރުވައިފަ އެވެ. ދެވަނަ ލޮކްޑައުނެއް ގެނެސް ކޮވިޑް ފެތުރުން ހުއްޓުވުމަށް ސަރުކާރުން ޖެހިލުންވަނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ. ދިވެހީންގެ ތެރޭގައި މިހާރު ކޮވިޑް ފެތުރެމުންދާ މިންވަރަށް ބަލައި، މިއީ ގިނަ ބައެއްގެ ސުވާލެކެވެ.
ދުންޔާގެ އިތުރުން އޭނާގެ ބައްޕާފުޅު ރައީސް މައުމޫންވެސް ވަނީ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ގޮވާލައްވައިފަ އެވެ.
"ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހިލުންވާ ސަބަބެއް ނުވިސްނުނު، މިހާރު ހަރުކަށި ނުކޮށްފިނަމަ ބިރުވެރި ހާލަތަކަށް ގައުމު ވެއްޓިގެން ހިނގައިދާނެ، މިއީ ވިސްނަން ޖެހޭ ކަމެއް، ފިޔަވަޅުތައް ހަރުކަށިކޮށް އަވަސް ކުރޭ،" ޒުވާނަކު ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޝުއޫރެއްގައި ބުނެފައި ވެއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރި އިރު، ސަރުކާރުން އަދިވެސް ދައްކަމުން ގެންދަނީ އެއް ވާހަކަ އެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދެވޭނެ ކަމަށެވެ. ފިޔަވަޅުތައް ހަރުކަށި ކުރަން ނުވިސްނާ ކަމަށެވެ.
އެގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައިވަނީ ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވެގެންދިޔަ ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ އަމާން އައްސޭރިއަކަށް ދެވޭނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންގެ ހާލަތު މި އޮތް ގޮތަށް ބަލާއިރު، އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މިހާރު ކޮށްފައި ހުރި ތަޖުރިބާ އަދި މިހާރު އަޅުގަނޑުމެން އަމަލުކުރާ އުސޫލަށް ބަލާއިރުގައި ބައްޔަށް ޕޮޒިޓިވްވާ މީހުން އަދަދު އިތުރުވެގެންދިޔަ ކަމުގައިވިޔަސް އަޅުގަނޑުމެންނަށް މިހާރު މިހުރި ފިޔަވަޅުތަކުގެ މަތީގައި ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ކަމުގައިވާނަމަ އަދިވެސް އަމާން އައްސޭރިއާ ހަމައަށް ދިއުމުގެ ފުރުސަތު އޮންނާނެ،" މިނިސްޓަރު އަމީން ވިދާޅުވެފައި ވެއެވެ.
މިނިސްޓަރުގެ އިތުރުން ސިއްހީ މާހިރުންވެސް ވިދާޅުވަމުން ގެންދަވަނީ އެއް ވާހަކަ އެކެވެ. ދިވެހިން ކުރިއަށްވުރެ ރައްކާތެރިކަމާއެކު ފިޔަވަޅުތަކަށް ބޯލެނބުމަށެވެ. އެހެން ނޫންނަމަ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހިދާނެ ކަމަށެވެ. ނަމަވެސް ހަރުކަށި ކުރާ ހިސާބަށް އަދި ނުދާ ކަމަށެވެ.
"މިހާރުގެ ހާލަތަށް ބަލާއިރު އަޅުގަނޑުމެންނަށް ބުނަން ކެރޭނެ ދިވެހިން އެބަ ޖެހެއޭ އިތުރަށް ސަމާލުވެ، ބަލިން ރައްކާތެރިވުމަށް އަޅުގަނޑުމެން މިދޭ އިރުޝާދުތަކަށް އިތުރަށް ސަމާލުވާން،" ޑރ. އަފްޒަލް ވިދާޅުވެފައި ވެއެވެ.
"ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުންދާނަމަ މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ޖެހިދާނެ،" ޑރ. ނަޒްލާ ވިދާޅުވެފައި ވެއެވެ.
ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ މީހުންގެ އަދަދުތައްވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. ތަފާސް ހިސާބުތަކަށް ބެލުމުން ބަލި ފެތުރިފައި އޮތް މިންވަރު އަދި ފެތުރޭ މިންވަރު ވަރަށްވެސް ސާފެވެ. "ކްލިއާ ޕިކްޗާ" އެއް ފެނެ އެވެ. އެހެން ކަމުން އެންމެންގެވެސް ސުވާލަކީ ލަހެއް ނުވޭ ހެއްޔެވެ؟ ފިޔަވަޅުތައް ހަރުކަށި ކުރާކަށް ނުވޭ ހެއްޔެވެ؟
ނިއު ނޯމަލްގެ ނަން ދިނުމަށްފަހު ލުއިތަކެއް ސަރުކާރުން ދިނީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އެދުވަހުގެ ޕޮޒިޓިވް ކޭސްގެ އަދަދާއި މިއަދުގެ ކޭސްތަކުގެ އަދަދުތައް ވަރަށް ބޮޑުތަކުން ތަފާތުވެއްޖެ އެވެ. މިމަހުގެ އެއް ވަނަ ދުވަހު ޕޮޒިޓިވްވީ 21 މީހުނެވެ. 21 މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބަންގަލްދޭޝްގެ 17 މީހުންނާއި ސްރީލަންކާ މީހެކެވެ. އަދި ބައްޔަށް ފަރުވާ ހޯދަމުން ދިޔައީ 414 މީހުންނެވެ.
މިއަދު އެއަދަދުތައް މިވަނީ ދެގުނަ ނުވަތަ ތިން ގުނަ މަތިވެފަ އެވެ. ރޭ އެޗްޕީއޭ އިން ބުނީ އިއްޔެ އެކަނިވެސް 67 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 43 ދިވެހިން ހިމެނޭ ކަމަށެވެ. އެއް ވަނަ ދުވަހާ އަޅައިބަލާއިރު މިއީ ވަރަށްވެސް ބޮޑުތަފާތެކެވެ. ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސް ދެގުނައަށް ބޮޑުވެއްޖެ އެވެ. އެގޮތުން 792 މީހަކު މިހާރު ވެސް މި ބައްޔަށް އަންނަނީ ފަރުވާ ހޯދަމުންނެވެ.
"ދުވަހެއް ދުވަހަކަށް ބަލި މިދަނީ އިތުރުވަމުން، ކޮންޓްރޯލުން ނައްޓަމުން، ލުއި ދިނުމުގެ ކުރިން ދިވެހިން ޕޮޒިޓިވްވާ މިންވަރު ވަރަށްވެސް ކުޑަ، މިހާރު އެހާ ގިނަ، ދިވެހިން ބަސް ނޭހީ އެކަންޏެއް ނޫން، ސަރުކާރުން މާބޮޑަށް ދޫދިނީ، ފިޔަވަޅުތައް ހަރުކަށި ނުކޮށް ވާކަށް ނެތް،" މެދު އުމުރުގެ އާންމު މީހަކު ބުންޏެވެ.
ފިޔަވަޅުތައް ހަރުކަށި ކުރުމުގައި ބަލާ ކަންކަން ހުރެ އެވެ. އެކަންކަމަށް ބެލުމަށްފަހު ނޫނީ ފިޔަވަޅުތައް ހަރުކަށި ނުކުރާނެ ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ކޮންމެ ހަފުތާއަކު ވެސް ހާލަތަށް ބެލުމަށްފަހު ސްކޯއެއް ދެއެވެ. އަދި ސްކޯއަށް ބެލުމަށްފަހު ނޫނީ އަޅާނެ ފިޔަވަޅުތަކާމެދު ނުވިސްނާނެ ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.
"ކޮންމެ ހަފުތާއަކު ވެސް ހާލަތަށް ބެލުމަށްފަހު ސްކޯއެއް ދެމުން އަންނަނީ، އެ ސްކޯއަށް ބަލައިލައިފިއްޔާ އަދިވެސް އެޕިޑެމިކްގެ ހާލަތު ހުރި ގޮތަށް ބަލާފައި މިހާރު ދެވިފައިވާ ލުއިތަކާއެކުގައި، އެޕިޑެމިކް ޓްރެންޑްސްތައް ހުރި ގޮތަށް ބަލައިލައިފިއްޔާ ވަރަށް ގާތުން އެޕިޑެމިކް އެބަޖެހޭ މޮނީޓާކުރަން،" ޑރ. އަހުމަދު ޝަހީދު ވިދާޅުވެފައި ވެއެވެ.
އެހެނަކަމުން ބޭސްލައިނާއި ސްކޯއަށް ބެލުމަށްފަހު ފިޔަވަޅުތައް ހަރުކަށި ކުރާ ހިސާބަކަށް އަދި ނުދޭ ހެއްޔެވެ؟ އާންމުންގެ ކަންބޮޑުވުން އިންތިހާއަސް ހުރިއިރު، ހަރުކަށި ކުރާނީ ކިހާވަރެއްގެ ސްކޯއެއް އައުމުން ކަމަށްބުނެ އާންމުން ވަނީ ސުވާލު އުފައްދައިފައެވެ.
"އޭރު ބުނީ 40-50 ކަމަށް ބޭސް ލައިނަކީ، ނަމަވެސް މިހާރު 70 ގައި މި ހުންނަނީ، އެހެން ކަމުން މި ސްކޯއަށް ބަލާފައިވެސް ފިޔަވަޅުތައް ހަރުކަށި ނުކޮށް ދޫކޮށްލައިގެން ތިބެންވީ، އަދަދު ވަނީ މަތި، ފިޔަވަޅުތަކަށް ބަދަލެއް ނާދޭ، މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް،" ދެބައި އުމުރުގެ އާންމު ރައްޔިތެއްގެ އުދާސްތައް ހިއްސާކުރި އެވެ.
ސަރުކާރުގެ އިސްވެރިންނާއި ސިއްހީ މާހިރުންވެސް އެންމެ ބޮޑަށް ދައްކަމުންދާ އެއް ވާހަކައަކީ ނިއު ނޯމަލްގައި ބަލި ކޮންޓްރޯލް ކުރެވޭނީ ފަރުދީ ޒިންމާ ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ވެގެންދިޔަ މަންޒަރެއް ނުފެނުނެވެ. ދެވަނަ ރާޅަކާ ދިމާއަށްދާއިރު، ހަމައެކަނި ފަރުދީ ޒިންމާއަށް ބަރޯސާވެގެން ސަރުކާރުން ތިބުމަކުން ނުފުދޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
"މިހާރު އޮންނަނީ އަސްލު 11 ގެ ފަހުން ބޭރުގައި ނޫޅެވޭ ގޮތަށް، އެކަމަކު 11 ގެ ފަހުން އެތައް ބައިވަރު މީހުންނެއް މަގުމަތީގައި އުޅޭ، ފުލުހުންވެސް އަޅައެއް ނުލާ، ޖޫރިމަނާ ކުރާކަށްވެސް އުޅޭ، މާ ބޮޑަށް ދޫކޮށްލާފައި އޮންނަތަން މި ފެންނަނީ، ފަރުދީ ޒިންމާ އަދާ ނުކުރާއިރު، ފިޔަވަޅުތަކަށް ބޯނުލަނބާ ފަރާތްތަކަށް ފިޔަވަޅު އަޅަން ހުރި އިދާރާތަކުންވެސް މި އޮންނަނީ ވަރަށް ބޮޑަށް ދޫކޮށްލާފައި، މިވަރުން މިކަން ހައްލެއް ނުކުރެވޭނެ،" ޒުވާނަކު އޭނާގެ ހިޔާލު ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ބުނެފައި ވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުން ރާއްޖެ ސަލާމަތްކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އެހާލަތަށް އަނބުރާ ރާއްޖެ ގޮސްދާނެކަމުގެ ބިރުވެރި ރަނގަބީލުގެ އަޑު މިހާރު މިވަނީ ގަދަވާން ފަށައިފަ އެވެ. ބޮޑު ލުޔާއެކު އެއް މަސް ދުވަސްވާއިރު ގައުމުގެ ހާލަތު މިއަދު މިވަނީ ވަރަށް ގޯސްވެފަ އެވެ. ދިވެހިން ޕޮޒިޓިވްވާ އަދަދު ތިންގުނަ ހަތަރު ގުނައަށް މައްޗަށް އަރައިގެންދާއިރު، އާންމުންގެ އޮތީ އެންމެ ކަންބޮޑުވުމެކެވެ. ސަރުކާރަށް އޮތީ ބޮޑު އެއް ސުވާލެވެ. ލޮކްޑައުންގެ ފިޔަވަޅުތައް ހަރުކަށި ކުރާކަށް ނުވޭ ހެއްޔެވެ؟ މަޑުކުރާނީ ކިހާ ވަރެއް ވާންދެންހެއްޔެވެ؟
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް