ކޮޅުމަޑުލު ބުރުނީ ދޮންހިޔަލަ ވާހަކަޔަކީ ދިވެހިރާއްޖޭގެ ވަރަށް މަޝްހޫރު ފޯކްލޯރެކެވެ. ދޮންހިޔަލައަކީ ހުޅުދެލީކޮއި ރައިވަރުބައިގައި ކިޔާ ވާހަކައިގެ ބަތަލާއެވެ. އެ ރައިވަރުބައިގެ މައްޗަށް ފަހުން ލޯބީގެ އަސަރުގަދަ ވާހަކައެއްވެސް ލިޔެވިފައިވެއެވެ. އޭގެ ބަތަލާއަކީ ބުރުނީ ދޮންހިޔަލައެވެ. ބަތަލަކީ ހުޅުދެލީ އަލިފުޅެވެ. ވިލަންއަކީ ދިވެހިރާއްޖޭގެ ރަދުންނެވެ. ކޮންމެއަކަސް މިވާހަކައަކީ ލައިލާ މަޖުނޫނާއި ޝީރީން ފަރުހާދާއި ރޯމިއޯ އެންޑް ޖޫލިއެޓް ވާހަކަ ވާހަކަޔަށް ދޫނުކުރާނެ އަސަރުގަދަ ލޯބީގެ ވާހަކައެކެވެ.

މިދެންނެވި ވާހަކަ ވާހަކަޔަށް ދިވެހިންގެ ފުރިހަމަ ރައްދެކެވެ. އެކަމަކު ސުވާލަކީ ދޮންހިޔަލަ ވާހަކަޔަކީ އަސްލެއް ހެއްޔެވެ. ހަގީގަތެއްގެ މައްޗަށް ބިނާކުރެވިފައިވާ ވާހަކައެއް ހެއްޔެވެ. ހަގީގަތެކޭ ދަންނަވަން ވަރަށް ދައްޗެވެ. އެވާހަކަ ދަލީލުކޮށްދޭނެ ހެކިތަކެއް ތާރީޚުން ފެންނާން ނެތުމުންނެވެ. ހެކިތަކެއް ހުރިއްޔާ އެހެއްކަކީ ހިޔަލަ މަހާނަ ކަމަށް ބުނެވޭ މަހާނައެއް ހުރުމެވެ. އެންމެ މަހާނައެއް ނޫނެވެ. ދެ މަހާނަ ހުރިކަމަށްވެއެވެ. ތަފާތު ދެ ރަށެއްގައެވެ.

އެއްމަހާނަ ހުރި ރަށާމެދު ވާހަކަ ދައްކާކަށް ނެތީމެވެ. އެމަހާނަ މިހާރު ފެންނާން ނެތުމުންނެވެ. އަނެއް މަހާނަ ފެންނާން އެބަހުއްޓެވެ. ކޮޅުމަޑުލު ކަނޑޫދޫގައެވެ. އެކެއްގެ މަހާނަ ދެރަށެއްގައި ހުއްޓޭ ބުނެވޭ ބުނުމުގެ ސިއްރަކީ ކޮބައިބާވައެވެ. އެ ސިއްރުގެ މައްޗަށް ދޮންހިޔަލަ ވާހަކައިގެ ނިމުން އަލިއަޅުވައިދެއެވެ. ދޮންހިޔަލަ މަރުވީ ރަދުންގެ ކިބައިން ސަލާމަތްވާން މާވަރެއްގެ މައްޗަށް ފުންމާލައިގެންނެވެ. މާވަރަކީ ކަނޑުގައި އޮޔާދާ އެއްޗެކެވެ. ތަފާތު ވައްތަރުގެ މާވަރު ހުރެއެވެ. ހިޔަލަ ފުންމައިލީ އޭގެތެރެއިން ތޫނު މާވަރެއްގެ މައްޗަށެވެ. ދެން އޭނާ ހަމަޔަށް ދެބުރިވީއެވެ. ބޯކޮޅު ލެއްގިކަމަށްވަނީ ކަނޑޫދޫއަށެވެ. ފައިކޮޅު އެހެން ރަށަކަށެވެ. އެގޮތުން ދެރަށެއްގައި ހިޔަލަ މަހާނަ ހުންނަނީ ޔޯލައެވެ. ކޮންމެއަކަސް ކަނޑޫދޫގައި ހިޔަލަ މަހާނަ ހުންނަނީ އެރަށު އިރުދެކުނު ފަރާތުން ގޮނޑުދޮށާ ވަރަށް ގާތުގައެވެ. އާއްމުކޮށް މީހުން ވަޅުލާ ތަނެއްގައެއް ނޫނެވެ. އެތެރެވަރިން ރަށަށް އެއްޗެއް ލެއްގުން އެންމެކައިރި ހިސާބުގައެވެ. ލައްގާ ގަބުރުތައް އާއްމުގޮތެެއްގައި ވަޅުލަނީ ލެއްގި ހިސާބެއްގެ އެއްގަމުގައެވެ. އެގޮތުން މިއީ ލެއްގި ގަބުރެއްގެ މަހާނަކަމަށްވުން ވަރަށް ކައިރިއެވެ.

މި ގަބުރާމެދު އެރަށުގައި ކިޔައިއުޅޭ ވާހަކައެއް އޮވެއެވެ. ގަބުރު ފެނުނީ އެރަށު ރައިވެރިބެއަށެވެ. ގޮނޑުދޮށުންނެވެ. ކަރުގައި ރަން ފަށްޓަރުބައެއް އޮތެވެ. ދެއަތުގައި ރަނުގެ އުޅާތައްވެސް ހުއްޓެވެ. މީނާ އަވަސްއަވަހަށް ފަށްޓަރުބަޔާއި އުޅާތައް ބާލައިގެން ދުވެފައި ގެޔަށްގޮސް ފޮރުވީއެވެ. އެއަށްފަހު އެނބުރި އައިސްބެލިއިރު ފަށްޓަރުބަޔާއި އުޅާތައް ގަބުރުގެ ކަރާއި ދެއަތުގައި ހުއްޓެވެ. މީނާ ގަންނާކުރެއްވި ބިރެއްގެ ބޮޑުކަމުން އެދިމާލުން އެއްގަމުގައި ވަޅެއްކޮނެ ގަބުރުލުމަށްފަހު ފަސްއަޅައި ފޮރުވީއެވެ. ކަނޑޫދޫގެ ބައެއް މުސްކުޅިން ކިޔައިދޭގޮތުން ހިޔަލަ މަހާނައިގެ އަސްލަކީ މިއީއެވެ. މިހިސާބުން އުފެދޭ ސުވާލަކީ މިއީ ދިވެހިރާއްޖޭގެ ރަދުން އެމީހެއްގެ އިޝްގުގައި ޖެހިގެން ފަސްފަހަތުން ދަތުރުކުރި ދޮންހިޔަލަ ބާވައެވެ. އެކަން ޔަގީނެއް ނޫނެވެ. ހިޔަލަ ނުވަތަ ދޮންހިޔަލައަކީ މީހެއްގެ ޚާއްސަ ނަމެއްވެސް ނޫނެވެ. އެއީ ކުރީޒަމާނުގައި އަންހެނުންނަށް ކިޔާ ވަނަމެކެވެ. ދޮންރީތި ކޮންމެ އަންހެނަކީ ދޮންހިޔަލައެކެވެ.

އޭރުވެސް މިހާރުވެސް ކޮޅުމަޑުލަކީ ދޮންރީތި އަންހެނުން ގިނަ އަތޮޅެކެވެ. އެހެންވީމާ ކަނޑޫދޫއަށް ލެއްގި ގަބުރަކީ އެކަހަލަ ދޮންރީތި އަންހެނެއްގެ ގަބުރުކަމަށް ވެދާނެއެވެ. އެހެންވިއްޔާ ވަކި ނަމެއް، މީހެއް ނޭގޭ މިގަބުރު ވާނީ ދޮންހިޔަލައިގެ ގަބުރުކަމަށްތާއެވެ. ވަކިމީހަކަށް ނިސްބަތްވުން ލާޒިމެއް ނޫނެވެ. ކަނޑޫދޫ މުސްކުޅިން ކިޔައިދޭ ވާހަކައިން އެނގެނީ އެރަށަށް ލެއްގީ ގަބުރެއްގެ އެއްބައި ނޫންކަމެވެ. ފުރިހަމަ ގަބުރެއް ކަމެވެ. އެހެންވިއްޔާ އެއީ މާވަރެއްގެ މައްޗަށް ފުންމާލައިގެން ދެބުރިވި ގަބުރެއްގެ އެއްބައިކަމަށްވާނެ ޖާގައެއް ނެތެވެ.

ކޮޅުމަޑުލަކީ ދޮންރީތި އަންހެނުން ގިނަ އަތޮޅެކޭ ލިޔެފައި އެހިސާބުން ފުއްދައިލެވޭކަށް ނެތެވެ. އޭގެ މައްޗަށް ތާރީޚީގޮތުން ހެކިދެއްކުން ލާޒިމެވެ. ކުރީޒަމާނުގެ ރަސްކަލަކު ކޮޅުމަޑުލަށް ވަޑައިގެން އަނބިކަނބަލަކު އިޚުތިޔާރު ކުރައްވާފައިވެއެވެ. އެއީ ހިލާލީ ދަރިކޮޅުގެ ރަސްކަލެއް ކަމުގައިވާ އާބަކުރު ރަސްގެފާނެވެ. ސުލްތާން އަބޫބަކުރު ބަވަނަސޫޖަ މަހާރަދުންނެވެ.

މިދެންނެވި ރަދުން ރަސްކަމަށް އިސްވީ މީލާދީން 1443 ގައެވެ. އެއީ މީގެ 583 އަހަރު ކުރިއެވެ. މި ރަދުން ބޮޑު އަރުމާދެއް ތައްޔާރު ކުރައްވައިގެން ކޮޅުމަޑުލަށް ވަޑައިގަތީ ރީތިކަމަށް މަޝްހޫރު ދޮންހިޔަލައަކު އިޚުތިޔާރު ކުރެެއްވުމަށެވެ. ކޮޅުމަޑުލު އޮޅުފުށިންނެވެ. އެއީ ކަނޑުދޫ ފަޅުތެރޭގައި އޮތް ރަށެކެވެ. އެރަށް މިހާރު ވަނީ ގިރައިގެންގޮސްފައެވެ. އެރަށުން އާބަކުރު ރަސްގެފާނު ހޯއްދެވި ހިޔަލައަކީ ރެކީކަމަނާއެވެ. އެކަމަނާޔާ އާބަކުރު ރަސްގެފާނު ކައިވެނި ބައްލަވައިގަތެވެ. ލިބިވަޑައިގަތް އެއްބޭފުޅަކީ ރެއްކާކަމަނާއެވެ. މި ރެއްކާކަމަނާގެ އެއްބޭފުޅަކީ މަޝްހޫރު ބުރެކިރަނިންއެވެ. މި ބުރެކިރަނިންގެ ބޭފުޅަކީ މަޝްހޫރު ކަނބާއައިސާ ރަނިކިލެގެފާނެވެ. މިކަނބާއައިސާގެ ދަރިކަނބަލަކީ އެހާމެ މަޝްހޫރު ސިއްތިމާވާ ރަނިކިލެގެފާނެވެ. މި ލިސްޓަށް ބަލައިލީމާ މިފެންނަނީ ހައްތާވެސް ކޮޅުމަޑުލަށް ނިސްބަތްވި ދޮންހިޔަލައިންނެވެ. މަޝްހޫރު ރަސްރަސްކަލުންގެ އަނބީންނެވެ. ރަނީންނެވެ.

ދިވެހިރާއްޖޭގެ އެކިއެކި ރަސްކަލުން ކޮޅުމަޑުލުގެ ހިޔަލައިންނާ ކައިވެނި ބެއްލެވިއެވެ. އެކަމަކު އަރުމާދެއް ހައްދަވައިގެން ހިޔަލައަކު ހޯއްދެވުމަށް ކޮޅުމަޑުލަށް ވަޑައިގެންނެވި ކަމަށް ތާރީޚު ބުނަނީ އެންމެ ރަސްކަލެކެވެ. އެއީ އާބަކުރު ރަސްގެފާނެވެ. އެރަދުން ހޯއްދެވި ހިޔަލައަކީ އޮޅުފުށީ ރެކީކަމަނާއެވެ. އެކަމަނާއަކު ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ އަލިފުޅާ ހިތާވެގެން ރަދުންނަށް ފިލައިގެން ނޫޅެއެވެ. އަދި މާވަރެއްގެ މައްޗަށް ފުންމާލައިގެން އިޝްގުގައި ގުރުބާނެއްވެސް ނުވެއެވެ. އެވަރު ސާފުވެއެވެ. އެކަމަނާގެ އައުލާދުންގެ ވާހަކަ މަތީގައި ބަޔާން ކުރެވުނީއެވެ. އެހެންވީމާ ކަނޑޫދޫގައި އެހެރަ ހިޔަލަ މަހާނަޔަކީ ހަމަޔަގީނުންވެސް ރެކީކަމަނާގެ މަހާނައެއް ނޫނެވެ. އާބަކުރު ރަސްގެފާނު ކޮޅުމަޑުލުން ހޯއްދެވި ހިޔަލައިގެ މަހާނައެއް ނޫނެވެ. އެއީ ކޮންމެވެސް އެހެން ދޮންރީތި އަންހެނެއްގެ މަހާނައެވެ. އެހެން ހިޔަލައެއްގެ މަހާނައެވެ. އެއީ ކާކުކަން ސާފުނުވަނީއެވެ. އަދި އެގަބުރާމެދު ދެކެވޭ ވާހަކައިގެ ސައްހަކަންވެސް ކަށަވަރުނުވަނީއެވެ.