ލޮކްޑައުން އަމުރުތަކާ ހިލާފުވި މައްސަލަތަކުގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް، ޕީޖީ ނިންމަވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރުނު ލޮކްޑައުން އަމުރާ ހިލާފުވެގެން ދައުވާކޮށް ޝަރުއީ ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް އިތުރަށް ކުރިއަށް ނުގެންދިއުމަށާއި ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ފުލުހުން ތަހުގީގުކޮށް އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ލޮކްޑައުން އަމުރާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ތަންފީޒުކޮށް އެފައިސާ ހޯދުމަށް ދައުލަތުން ކުރަންޖެހޭ ކަންކަން ކުރުމަށް ދައުލަތުގެ މުއައްސަސާތަކުގައި ދެންނެވުމަށް ޕީޖީ ނިންމަވާފައިވާ ކަމަށެވެ.
އެ މައްސަލަތަކުގައި ދައުވާ ނުކުރުމަށް ޕީޖީ ނިންމެވި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ، ލޮކްޑައުން އަމުރާ ހިލާފުވެގެން ފިޔަވަޅު އެޅޭ ހުރިހާ މީހުންނާ މެދު ހަމަހަމަ އުސޫލަކުން އަމަލުކުރުމަކީ ދުސްތޫރީ ގޮތުން ލާޒިމު ކަމެއްކަމަށްވާތީ އާއި ލޮކްޑައުން އަމުރާ ހިލާފުވި މީހުންގެ ތެރޭގައި އެކިއެކި ސަބަބުތަކާ ހުރެ މާލޭގައި ތާށިވެފައި ތިބި މީހުން ތިބިއިރު، އެމީހުން ލޮކްޑައުން އަމުރާ ހިލާފުވާން ޖެހުނު މަގުބޫލު ސަބަބުތަކެއް ހުރި ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުން، ޖިނާއީ ކުށުގެ ރެކޯޑެއް އުފަން ކުރުމުގައި މުޖުތަމައުގެ އާންމު މަސްލަހަތެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ.
އޭގެ އިތުރުން ކޮވިޑާ ގުޅިގެން ދައުލަތާއި ވިޔަފާރިތަކާއި މުޅި ރާއްޖެ ހުއްޓުމަކަށް އައިސް، އެތައް ބައެއްގެ ވަޒީފާ ގެއްލި، ނިކަމެތިވެފައިވާ ދަނޑިވަޅެއްގައި އެހާލަތުގެ ތެރެއިން އުފެދިގެން އައި ކަމެއްގައި ޖިނާއީ މައްސަލައެއްގެ ތެރެއިން ކުށުގެ ރެކޯޑެއް އުފަން ކުރަން ބޭނުން ނުވުމަކީ ވެސް އެ މައްސަލަތައް ނުބަލަން ނިންމި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
އެ އޮފީހުން ބުނި ގޮތުގައި، ލޮކްޑައުން އަމުރާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާގެ ތަންފީޒުކޮށް އެފައިސާ ހޯދުމަށް ދައުލަތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ދައުލަތުގެ މުއައްސަސާތަކުގައި ދެންނެވުމަށް ޕީޖީ ނިންމެވީ މިވަގުތަށް އާންމު މަސްހަލަހަތަށް ބަލާއިރު ރަނގަޅު ކަމެއް ކަމަށް ފެންނާތީ ކަމަށެވެ.