ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ހިޔާނާތްތެރި ވެ، އަމީން އެވެނިއު އިން ޕެންޓްހައުސްއެއް ގަތް މައްސަލައިގައި އަމިީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ބައްސާމަށް ކުރި ދައުވާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ ސާބިތުނުވާކަމަށް މިދިޔަ ޖެނުއަރީމަހުގެ ހަ ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ދިރާސާކޮށް ބެލިއިރު، މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނުނެގުމަށް ކޯޓުން ނިންމާފައިވަނީ އަދި މައްސަލައިގެ ހެކި ގަރީނާ ވަޒަން ކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް މިއަދު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށްބުނެފައިވެއެވެ.

މި މައްސަލައިގައި ހައިކޯޓުގައި އެދިފައިވާނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި އެކޯޓަށް ތަހުވީލުކޮށްދިނުމަށް ކަމަށާއި، މި އިސްތިއުނާފީ މައްސަލައާއެކު، މަނީ ލޯންޑްރިންގެ ކުށާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ އަމީން ކޮންސްޓްރަކްޝަން ގެ އަމީން އެވެނިއު އެޕާޓްމަންޓް A1205 އަދި A1206 އިން މުއާމަލާތުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ހައިކޯޓުގައި އެދިފައިވާނެ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ. މި ގޮތަށް އެދިފައިވާނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު ގެ 51 ވަނަ މާއްދާގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.