ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުއްވި ޑރ. ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ސަނީ އުމަރުގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިއަދު ކަމަށެވެ.
ސަނީ އުމަރުގެ މައްޗަށް ކޮށްފައިވާ ދައުވާތައް:
- ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ
ޕީޖީ އޮފީހުން ބުނީ އެ ދައުވާ ސަނީ އުމަރުގެ މައްޗަށް ކުރަނީ ކުޑަ ކުއްޖެއްގެ އުމުރުން ހަތް އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް، އެކި ދުވަސް މަތިން، އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ ކަމަށެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ސަނީ އުމަރުގެ މައްޗަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއްގެ އަދަބު އަންނާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
- ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ
އެ ދައުވާ ސަނީ އުމަރުގެ މައްޗަށް ކުރަނީ ކުޑަ ކުއްޖެއްގެ އުމުރުން 10 ނުވަތަ 11 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ގަސްގައި އަތްލާފައިވާތީކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ދައުވާ ސާބިތުވެއްޖެ ނަމަ، ސަނީ އުމަރަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
- ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ
ސަނީ އުމަރުގެ މައްޗަށް އެ ދައުވާ ކުރަނީ ކުޑަ ކުއްޖެއްގެ އުމުރުން 9 ނުވަތަ 10 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ ކަމަށާއި ދައުވާ ސާބިތުވެއްޖެ ނަމަ، 10 އަހަރާއި 14 އަހަރުގެ ޖަލު ހުކުމެއް ސަނީ އުމަރަށް އަންނާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
- ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 530 ވަނަ މާއްދާގެ ދަށުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެ ދައުވާ
އޭނާގެ މައްޗަށް އެ ދައުވާ ކުރަނީ ފޯނުގައި މައްސަލައާ ގުޅޭ ހެކި ގަރީނާ ހުރިކަމަށް ތުހުމަތުކުރެވިގެން، ކްރިމިނަލް ކޯޓުން އޭނާގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައިވަނިކޮށް، އޭނާގެ ފޯނު ގެއްލިފައިވާކަމަށް ބުނެ އެ ފޯނު ފުލުހުންނާ ހަވާލުކޮށްފައިނުވާތީކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުންކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
- ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ
ޕީޖީ އޮފީހުން ބުނީ ސަނީ އުމަރު ގެންގުޅުނުކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީ އެ ދައުވާ ކުރަން ނިންމީ ކަމަށެވެ. އެ ދައުވާގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުންކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މި މައްސަލާގައި ކޮށްފައިވާ ދައުވާތައް ސާބިތުވާ ހާލަތުގައި ގާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ ހާލަތުގައި ސަނީ އުމަރުގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެއް ކަނޑައަޅާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން ސަނީ އުމަރުވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ޕީޖީ އޮފީހުން މިއަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ބުނެފައިވަނީ ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވަނީ އެ އޮފީހުން އެެދިގެން ކަމަށެވެ. ސަނީ އުމަރުއަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގު ފުލުހުން ކުރަމުންދާ ކަމަށާއި، ޕީޖީ އޮފީހުގެ ފަރާތުން ވަނީ ތަހުގީގުގެ މުއްދަތު އިތުރުކޮށްދީފައި ކަމަށް ޕީޖީ އޮފީހުން އެ ދުވަހު ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތިންވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ސަނީގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ. އެ ދުވަހު ޕީޖީ އޮފީހުން ބުނެފައިވަނީ ސަނީ، ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދުމަށް ގަސްދުކުރާ ކަމަށެވެ. ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ސަނީ އުމަރު ކޯޓަށް ހާޒިރުކޮށްފައިވަނީ އެ މުއްދަތު ހަމަވާތީއެވެ.
ފުލުހުން ވަނީ ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް މިދިޔަ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހު ސަނީ އުމަރު، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް (އެފްސީޕީޑީ)އަށް ހާޒިރުކޮށްފައެވެ. ނަމަވެސް އޭރު ހައްޔަރުކޮށްފައެއް ނުވެއެވެ.
އެފަހުން އޭނާ ރާއްޖެއިން ބޭރަށް ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުއްޓައި ހަމަ އެ ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 31 ވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވައި، އަދި ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށްފަހު، ސަނީ ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، ސަނީގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް