ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ މަރާލަން ރާވައި އެކަމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ދައުލަތުން ތުހުމަތުކުރާ ހަސަން ފަވާޒު، ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ޖަލުގައި ހުއްޓައި ލުއިދީ ޝަރުތުތަކަކާއެކު ގެއަށް ބަދަލުކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނީ، 2023 އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނ. މަނަދޫ، އަންނާރުމާގޭގައި، އެގޭ ނައީމާ މޫސާ މަރާލި މައްސަލާގައި، ހަމަ އެރަށު ވިނަރެސް، ހަސަން ފަވާޒުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާާނޫނުގެ ދަށުން މި މައްސަލައިގެ ތަހުގީގުގެ މަރުހަލާއިން ފެށިގެން ހަސަން ފަވާޒު ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައި ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

ނަމަވެސް އޭނާގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާ މައްސަލަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މި މާޗް މަހުގެ ނުވަނަ ދުވަހު ޕީޖީ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ޕީޖީން ބުނެއެވެ.

އެހެންކަމުން އޭނާގެ ބަލި ހާލަތާ ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާއި، ބަލީގެ ހައްސާސްކަމަށް ރިއާޔަތްކޮށް، ހަސަން ފަވާޒަށް ގާނޫނުއަސާސީން ލިބިދީފައިވާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން، ޝަރުތުތަކާއެކު އޭނާ ބަންދަށް ލުއިދިނުމަށް ކުރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ލުއި ދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތައް:

  • ބަންދުން ދޫކޮށްލާފައި ހުންނައިރު ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުން.
  • ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިއަށް ހާޒިރުވުން.
  • ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން.
  • ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާން ޖެހޭ ހާލަތް ފިޔަވައި އެނޫން ހުރިހާ ހާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން.
  • މާލެއިން ބޭރަށް ނުދިއުން.
  • މައްސަލާގައި ހެކިބަސް ދޭނެކަމަށް ގަބޫލުކުރެވޭ އެއްވެސް މީހަކާ މުއާމަލާތް ނުކުރުމާއި، ބައްދަލު ނުކުރުމާއި، ހެކިންނަށް ނުފޫޒު ނުފޯރުވުން.
  • ފަރުވާ ހޯދަމުން އަންނަކަމުގެ ލިޔެކިޔުންތައް ކޮންމެ 15 ދުވަހަކުން އެއްފަހަރު އެ އޮފީހަށާއި، ކްރިމިނަލް ކޯޓާ ހިއްސާކުރަމުންދިއުން.

މި ޝަރުތުތަކަށް ހަސަން ފަވާޒު އެއްބަސްވެފައިވާތީ އާއި އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށް، ޕީޖީ އޮފީހުން އެދިފައިވާގޮތަށް ޝަރުތުކޮށް އޭނާ ބަންދުން ދޫކޮށްލުމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.