ރިޕޯޓް

ބިދޭސީންނަށް ރެސިޑެންޓް ވިސާ ދިނުން: ކީއްވެ، ކީއްކުރަން؟

އަލީ އަފާފް ރަމީޒު

1

މިހާރު އެންމެ ބޮޑު ބަހުސަކަށް ވެފައިވާ އެއް ކަމަކީ އިމިގްރޭޝަން ގާނޫނަށް އަލަށް ހުށަހެޅި އިސްލާހެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، އެ ބިލަށް އިތުރު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ، އަލުން ވިސްނުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އެ ބިލު އަނބުރާ ކޮމިޓީއަށް ވަނީ ފޮނުވައިލައްވައިފަ އެވެ.

އިސްލާހުތަކެއް ގެންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ބިލު ކޮމެޓީއަށް ފޮނުއްވައިލެއްވުމަށްފަހު ނަޝީދުގެ ފަރާތުން ހުށަހެޅުއްވީ އެ ބިލަށް 16 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރެއްވުމަށެވެ. އެ މާއްދާގައި ވަނީ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދެވޭނެ ހާލަތްތައްް ބަޔާންކޮށްފަ އެވެ.

އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅެ ބިދޭސީއެއް ނުވަތަ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާ ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބިދޭސީއެއް ނުވަތަ ރާއްޖޭގައި 10 އަހަަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބޭ ގޮތަށެވެ.

ބޭރު މީހުންނަށް ސިޓިޒަންސިޕް ދެވޭގޮތަށް އޮތް ގާނޫނެއް މިހާރުވެސް އެބައޮތެވެ. 1969 ވަނަ އަހަރު ފާސްކޮށްފައިވާ ސިޓިޒެންޝިޕް ގާނޫނުގައިވާ ގޮތުން ދިވެހިރައްޔިތުކަން ބޭނުންވާ މީހާ މެދުނުކެނޑި ރާއްޖޭގައި 12 އަހަރު އުޅެފައިވާން ޖެހޭނެ އެވެ. މި މުއްދަތުގައި ރާއްޖެއިން ބޭރަށް ދިޔަ ނަމަވެސް ހަ މަހަށްވުރެ ގިނަ ދުވަސް ވަންދެން ރާއްޖެއިން ބޭރުގައި ނޫޅުމާއި ރާއްޖޭގައި އުޅުނު މުއްދަތު ޖުމުލަ 10 އަހަރަށް ވުރެ ގިނަވާން ޖެހޭނެ ކަމަށްވެސް އެ ގާނޫނުގައި ވެއެވެ.

މީގެ އިތުރުން 16 ވަނަ މާއްދާގައި ބުނާ ރާއްޖޭގައި އިންވެސްޓްކުރާ މީހުންނަށް ވިސާ ލިބޭނެ ގޮތް ފޮރިން އިންވެސްޓްމަންޓުގެ ގާނޫނުގައި ވަރަށް ފުރިހަމަޔަށް ލިޔެފައިވެސް އެބަ އޮތެވެ،

އެ ދެ ގާނޫނުގައި ވިސާ ދެވޭނެ އުސޫލުތަކަކާއި ޝަރުތުތަކެއް ހިމެނިފައި އޮއްވައި ބިދޭސީންނަށް ރެސިޑެންޓް ވިސާ ދިނުމަށް މުޅިން އަލަށް އާ އިސްލާހެއް ރައީސް ނަޝީދު ހުށަހެޅުއްވުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އެމަނިކުފާނަށް އަމާޒުވެފަ އެވެ. އާންމުންގެ ނުރުހުން ވަރަށް ބޮޑަށް ވަނީ އަމާޒުވެގެން ގޮސްފަ އެވެ. މިކަމުގައި ފޮރުވިފައިވާ އެހެން އެޖެންޑާއެއް ވާކަމަށް ވެސް އާންމުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަމާ ގުޅިގެން އެންމެ ބޮޑަށް ނަޝީދަށް ފާޑުވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނެވެ. އިދިކޮޅު ކޯލިޝަނުން މި އިސްލާހު ސިފަކޮށްފައިވަނީ ދިވެހީންގެ ބާރުނެތި ރާއްޖޭގެ ވެރިކަމަށް މީހުން ހޮވުމުގެ ނިޒާމަކާއި ދިމާއަށް މިސްރާބު ޖެހުމަށް ކުރަމުންގެންދާ ކަމެއްގެ ގޮތުގައި އެވެ. މި އިސްލާހަކީ ދިވެހިން އަޅުވެތިކޮށް ރާއްޖޭގައި ބާތިލު ދީންތައް ފެތުރުމަށް މަގުފަހި ކުރާނެ އިސްލާހެއް ކަމަށްވެސް އިދިކޮޅުން ގަބޫލު ކުރެ އެވެ. އަނެއް ބަޔަކު ސިފަ ކުރަނީ މި އިސްލާހަކީ ފައިސާއަށް ގައުމުގެ މިނިވަންކަން ވިއްކާލުމަށް ހުލުވައިލެވޭ ދޮރާއްޓެއްގެ ގޮތުގައި އެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި، އާދަމް ޝަރީފް އުމަރު ވިދާޅުވީ، 2023 ގައި ބިދޭސީންނަށް ވޯޓުލެވޭނެ ގޮތަށް ގާނޫނުތައް ބަދަލު ކުރުމުގެ ބިރުވެސް މިހާރު އެބަ އޮތް ކަމަށެވެ.

"އަމާޒު ހުރިކަމަށް ފެންނަނީ ބިދޭސީން މެދުވެރިކޮށް ވެރިކަން ފުރޮޅައިލާން. މިފަހަރު 6485 އަށް ރެސިޑެންސް ވިސާ. 2023 ގައި ބިދޭސީންނަށް ވޯޓުލެވޭނެ ގޮތަށް ގާނޫނުތައް ބަދަލު ކުރުމުގެ ބިރުވެސް މިހާރު އެބަ އޮތް. ފަހު ނޭވަޔަށް ދާންދެން ގައުމަށްޓަކައި ހިއްމަތް ކުރާނަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ އިތުރުން ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދިނުމުގެ އިސްލާހަކީ ވަރަށް ނުބައި ކަމެއްގެ ފެށުން ކަމަށް ސިފަ ކުރައްވައިފަ އެވެ. އެއީ ރާއްޖޭގެ ރައްޔިތުން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ބަދަލު ކުރަން ބަޔަކު ކުރާ މަސައްކަތެއްގެ ފެށުމުގެ ގޮތުގައި ވިދާޅުވެފަ އެވެ. އަދި ވަނީ މި އިސްލާހަކީ ބާތިލު ދީންތައް ފެތުރުމަށް މަގުފަހި ކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

އަދުރޭ ވަނީ މި އިސްލާހަކީ ބާރުގަދަ ބައެއް ގައުމުތަކުން ކުދި ގައުމުތައް ހިސޯރު ކުރުމަށް ބޭނުންކުރާ އުކުޅެއް ކަމަށް ވިދާޅުވެފަ އެވެ. ވެރިކަމުގައި ތިއްބެވި ފަރާތްތައް މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ ބާރު ރާއްޖެއިން ކަނޑުވައިލައި ދިވެހިރާއްޖެ ކިއުމުގެ ބާރު ގެއްލިގެންދާން މަގުފަހި ކުރުވުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުންތައް އިންތިހާއަށް ފާޅުކޮށްފައިވާއިރު، ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑީޕީގެ މެންބަރުންވެސް ވަނީ އެކަމާމެދު ހިޔާލު ތަފާތުވެ އެ އިސްލާހާމެދު ނުރުހުން ފާޅު ކުރައްވައިފަ އެވެ. އެގޮތުން މެންބަރުން ވަނީ 10 އަހަަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ވިސާ ދިނުމާބެހޭ އިސްލާހަށް ވަރަށްބޮޑަށް ދެކޮޅު ހައްދަވައިފަ އެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެހާ ކުޑަ އަދަދެއް އިންވެސްޓްކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުން، ގަވާއިދާ ހިލާފަށް މިހާރު ވިޔަފާރިކުރާ ބިދޭސީން ވެސް ގާނޫނުގެ ތެރެއަށް ވަނުމަށް ފުރުސަތު ލިބިގެން ހިނގައިދާނެ ކަމަށް ވިދާޅުވެފަ އެވެ.

ޝަރީފްގެ އިތުރުން މައްޗަންގޮޅީ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހައިތަމް ވިދާޅުވީ، މި ހުށަހެޅުންތަކަކީ ބަލައިގަނެވޭނެ އިސްލާހުތަކެއް ނޫން ކަމަށެވެ. ނަމަވެސް ދިވެހިންނާ ކައިވެނިކުރާ ބިދޭސީންގެ ބަޔާއި އިންވެސްޓް ކުރުމަށް އޮންނަ ބަޔަށް ކޮންމެ ވެސް ކަހަލަ ހައްލެއް ގެނެވިދާނެ ކަމަށާއި 10 އަހަރު ދުވަހަށް ތަނެއް ކުއްޔަށް ހިފާ މީހާއަށް ވިސާ ލިބޭ ގޮތަށް އޮތުމަށް އެއްބަސް ނުވެވޭނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރުވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. ކޮމެޓީގައި މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ދިވެހި ރައްޔިތުކަން އެއްވެސް ބަޔަކަށް ދިނުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ އެއްވެސް ވިސްނުމެއް ނެތް ދިވެހި ރައްޔިތެއްކަން އެއްވެސް ބަޔަކަށް ދިނުމަކަށް،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ރައީސް ނަޝީދު ލިޔުއްވި "ބިދޭސީން" މަޒުމޫނުން އެތައް ޖަވާބެއް

މި އިސްލާހުގައި ފޮރުވިފައިވާ ހަގީގަތެއް ސާފެއް ނުވެއެވެ. އަދި ކުއްލިއަކަށް މިފަދަ އިސްލާހެއް ހުށަހަޅުއްވަން ޖެހޭ ސަބަބެއްވެސް ސާފެއް ނުވެއެވެ. ހާއްސަކޮށް ކޮމެޓީން ބިލް ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށް މި އިސްލާހު އުފަން ކުރަންޖެހޭ ސަބަބާމެދު އާންމުން ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދައިފައެވެ. އެ ސުވާލުތަކުގެ ޖަވާބު ނަޝީދު ދެއްވީ "ބިދޭސީން" މަޒުމޫނުން ކަމަށްވެސް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ބިދޭސީންނަށް ރެސިޑެންޓް ވިސާ ދިނުމަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބިދޭސީންގެ މައްސަލައަށް ވެސް އޮތް ހައްލުކަމަށް ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވައެވެ. ރައީސް ނަޝީދުގެ މަޒުމޫނުގައި ފާހަގަ ކުރައްވާފައިވާ ގޮތުން ރާއްޖޭގައި ލިޔެކިޔުން ނެތި 70،000 މީހުންނާ ގާތްކުރާ އަދަދަކަށް ބިދޭސީން އުޅެއެވެ. ގަވާއިދާ ހިލާފަށް އުޅޭ މީހާ ގަވާއިދުގެ ތެރެއަށް ގެނެއުމަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ދިނުމާއި އޭނާ އުޅޭނެ ތަނެއް ދޭން ޖެހޭނެ ކަމަށް ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވައެވެ.

"ގަވާއިދާ ހިލާފަށް އުޅޭ މީހާ ގަވާއިދުގެ ތެރެއަށް ގެނެއުމަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ދޭން ޖެހޭ. އޭނާ އުޅޭނެ ތަނެއް ދޭން ޖެހޭ. އަޅުގަނޑު ދެކޭ ގޮތުގައި މި ދެކަންވެސް ނުކޮށްފިނަމަ ރާއްޖެއަށް އިތުރު ހަމަޖެހުމާއި ކުރިއެރުން ހޯދާން ދަތިވާނީ އެކަންޏެއް ނޫން. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ނުރަނގަޅު އަސަރު ކުރާނެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މަޒުމޫނުގައި ޔޫރަޕާއި އިނގިރޭސި ވިލާތުގައި އެފަދަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ދޭހަވާ ގޮތަށް ލިޔުއްވާފައި ވެއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެނޫން ގޮތަކަށް ހައްލު ނުވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ މި މަޒުމޫނުން ބައެއް ކަންކަން ތިލަވެގެންދިޔަ ނަމަވެސް އިމިގްރޭޝަން ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި "ފޮރިވިފައިވާ" ހަގީގަތް އަދިވެސް ސާފު ނުވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އާންމުންގެ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހުން އެނގިގެންދާ ކަމަކީ ރާއްޖޭގައި ކުޑަ އަގަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ބައެއް ކަންކަން ވިއްކައިލުމުގެ ދޮރެއް ހުޅުވައިލުމެވެ.

ރައީސް ނަޝިީދުގެ މަޒުމޫނަށް ފާޑު ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ބިދޭސީންގެ މައްސަލައިގައި ހަގީގަތް އޮޅޭ ގޮތަށް އެކިއެކި ބަހަނާތައް ދައްކަވަމުން ނަޝީދު ވާހަކަފުޅު ދައްކަވަނީ އެ ކަމުގެ ނާޒުކު ކަން އެމަނިކުފާނަށް އިހުސާސް ނުކުރެއްވޭތީ ކަމަށެވެ.

މައްސަލަ ހޫނުވުމުން ރައީސް ނަޝީދު ހަވާލުވެވަޑައެއް ނުގެންނެވި

ބިދޭސީންނަށް ކުޑަ އަގެއްގައި ރާއްޖޭގެ ރެސިޑެންސީ ގަނެލެވޭ އިސްލާހެއް ހުށަހެޅުމާއި ގުޅިގެން މައްސަލަ ހޫނުވެ، ރައީސް ނަޝީދަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ވާހަކަ މިވަނީ މުޅީން ބަދަލުވެފަ އެވެ. ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެއްވެސް ގާނޫނަކާ ގުޅޭ ގޮތުން އިސްލާހެއް ހުށަނޭޅޭނެ ކަމަށާއި މަޖިލީހުގައި އޮތް އެއްވެސް ބިލަކަށް އިސްލާހެއް ހުށަހަޅުއްވާފައި ވެސް ނުވާނެ ކަމަށް ވިދާޅުވެ، މައްސަލައިން "ރެކި" ވަޑައިގެންފަ އެވެ.

"އިދާރީ މޭޒުން ވެސް ބެލީމަ ސާފުވާނެ އަޅުގަނޑު ހުށަހަޅާފައިވާ އިސްލާހެއް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެކަމަކު، އާންމުންގެ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މައްސަލަ ހޫނުވުމުން ރައީސް ނަޝީދު އެކަން އޮޅުވާލައްވައި ފިއްލަވަނީ އެވެ. އެކަމުގައި ފޮރުވިފައިވާ ހަގީގަތްތަކެއް އޮންނާނެއެވެ. ރައީސް ނަޝީދު އެކަންކަމަށް ޖަވާބު ނުދެއްވުމަށް ޓަކައި މައްސަލައާ ހަވާލުވެވަޑައި ނުގެން "ރެކި" ވަޑައިގަތީ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ.

ބިދޭސީންނަށް ރެސިޑެންޓް ވިސާ ދިނުމުގެ ކުއްލި އިސްލާހެއް އަންނަން ޖެހުނު ސަބަބު މިވަނީ ވަރަށް ބޮޑަށް އޮޅުވައިލައިފައެވެ. އިސްލާހު ހުށަހެޅި ފަރާތުން އިސްލާހާ ހަވާލު ނުވުމުން ހުށަހެޅި ފަރާތްވެސް މިވަނީ އޮޅުން އަރައިފަ އެވެ. މިކަމުގައި އެކި ފަރާތްތަކުން އެކި ތުހުމަތުތައް ކުރަމުންދެއެވެ. މައްސަލައިގެ ބޮޑުމިން ހާމަކޮށް، ފޮރުވިފައިވާ ސިއްރު ހާމަކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަވެސް ވަނީ ބޭރުކޮށްލައިފަ އެވެ. އެހެންކަމުން މި އިސްލާހު ހުށަހަޅަންޖެހުނު ސަބަބު އަދިވެސް އޮތީ "ވާނުވާ" ގެ ތެރޭގައި އެވެ. މައްސަލަ ހުށަހެޅި މީހަކުވެސް ވަނީ ނޭނގިފައެވެ. މައްސަލަ ހުށަހެޅި މީހަކުވެސް ވަނީ ހޯދަން ޖެހިފަ އެވެ.