ވެލާނާ އިންޓަނޭޝަން އެއާޕޯޓުން: މުހައްމަދު ސިމާއު
ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ބަންދުރުކުރުމަށް ފަހު، ބޯޑަރުތައް މިއަދު އަލުން ހުޅުވާލައިފި އެވެ.
ބޯޑަރުތައް އަލުން ހުޅުވާލުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުގެ އިތުރުން އެތަންތަނުގެ ވެރިންނާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއަށް އެންމެ ފުރަތަމަ ޖެއްސި ފްލައިޓަށް ވަނީ ވޯޓާ ސެލިއުޓެއް އަރުވައިފަ އެވެ. ޖުމުލަ 127 މީހުންނާއެކު މިއަދު ހެނދުނު 8:26 ހާއިރު ރާއްޖެ ޖައްސާފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އޭގައި 103 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ. އެ އެންމެންނަކީ ވެސް ޔޫރަޕްގެ ގައުމުތަކުން އައި މީހުންނެވެ.
ރަސްމިއްޔާތަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ތޮއްޔިބު ވިދާޅުވީ، މިއީ މުޅި ދުނިޔެއަށް ވެސް އުދަނގޫ، ދަތި އަދި ތަފާތު ދުވަސްވަރެއް ކަމަށާއި އެހެންކަމުން ފަތުރުވެރިންގެ ކަންތައްތައް ވެސް އުނދަގޫވާނެ ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް އަންނަ ފްލައިޓުތައް އިތުރުވަމުން އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުރަތަމަ ފްލައިޓުން ވެސް އުންމީދު އާވެއްޖެކަން ފާހަގަކުރައްވައި ތޮއްޔިބު އިތުރަށް ވިދާޅުވީ، މިއަދުން ފެށިގެން ރާއްޖެ އިސްތިހާރު ކުރަމުން އަންނާނީ "ރީޑިސްކަވާ މޯލްޑިވްސް، ދަ ސަނީ ސައިޑް އޮފް ލައިފް"ގެ ސްލޯގަންއާ އެކު ކަމަށެވެ. އަދި ކުރިޔަށް ދެން އޮތީ ބަލި ކޮންޓްރޯލްކޮށް ހާލަތު މެނޭޖްކުރުން ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ބޯޑަރުތައް މިއަދު ހުޅުވާލި އިރު މިއަދު އެކަނި ވެސް އިންޓަނޭޝަނަލް ދެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެއެވެ. ސަރުކާރުން ބުނެފައިވާ ގޮތުން ބޯޑަރު ހުޅުވާލާއިރު ރާއްޖެއަށް އަންނަން 11 އެއާލައިނަކުން ވަނީ ޖާގަ ނަގައިފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބޮޑެތި އެއާލައިންތައް ހިމެނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު