މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތައް އެ ފައިސާ ދައްކާފައިނުވާތީ، އެ ފައިސާ ހޯދަން ކޯޓަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ނިންމައިފިއެވެ.

އޭޖީ އޮފީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ހުސެއިން ހަސަން "ވަން" އަށް ވިދާޅުވީ، ހުކުމާ އެއްގޮތަށް ރައީސް ޔާމީން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރަން ނިންމައި، އެކަމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ފައިސާ މީރާއަށް ދައްކަން ހުކުމުގައި ބުނެފައިވަނީ ހަ މަސް ދުވަސް ތެރޭގައެވެ. ނަމަވެސް އެ ހުކުމް ކުރިތާ މިހާރު ހަތްމަސް ވެގެން ދިޔައިރު ވެސް އެ ފައިސާ ރައީސް ޔާމީން ދައްކަވައިފައެއް ނުވެއެވެ.

ޔާމީނަށް އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު ވަނީ ފަށައިފައެވެ. އަދި އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކުރަން ހައި ކޯޓުގައި އެދިފައިވީ ނަމަވެސް އެ ކޯޓުން ނިންމާފައި އޮތީ ކަފާލާތު ނުދިނުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތު ވެ ހުކުމް ތަންފީޒު ކުރަމުން އަންނައިރު ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް އެމަނިކުފާނުގެ މައްޗަށް ދާދި ފަހުން ވަނީ މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް އުފުލައިފައެވެ. ނަމަވެސް އެ މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދި ފަށައިފައެއް ނުވެއެވެ.