10 އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ދޮންބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން "ވަން" އަށް މައުލޫމާތު ދިން ގޮތުގައި ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ޖެންޑާ މިނިސްޓްރީން މި މައްސަލައާއި ގުޅިގެން "ވަން" އަށް މައުލޫމާތު ދިން ގޮތުގައި އެ މިނިސްޓްރީން އަންނަނީ މި މައްސަލައިގެ ކަންކަން ސީއެފްޕީސީ ޕްރޮސީޖާގެ ތެރެއިން ބަލަމުންނެވެ. އަދި މި ފަދަ މައްސަލަތަކުގައި ކުއްޖާގެ ހައްގުތަކަށް އިހުތިރާމުކޮށް، ކުއްޖާގެ އަމިއްލަ މައުލޫމާތު މީޑިއާގައި ހިއްސާ ނުކުރުމަށް ޖެންޑާއިން އެދިފައި ވެއެވެ.

ކުއްޖާ ނިސްބަތްވާ ރަށާއި އެހެނިހެން މައުލޫމާތުތައް ވަން އަށް ކަށަވަރުވެފައި ވީ ނަމަވެސް އެ މައުލޫމާތު މި ހަބަރުގައި ހިމަނާފައި ނުވަނީ އެ ކުއްޖާގެ ކަރާމާތަށްޓަކަ އެވެ.