ހުލުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ރޭޕްކުރި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދި އެ އަންހެން މީހާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އެ މައްސަަލައިގެ ތަހުގީގު ކުރިއަށްގެންދާ ގޮތާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މިއަދު ފުލުހުން ހާޒިރުކޮށް މެންބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ހުޅުމާލެ ފުލުހުންގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު ވިދާޅުވީ، އެއީ ރޭޕްގެ މައްސަލައެއް ކަމަށް އެ އަންހެން މީހާއާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާތީ ދެވަނަ ފަހަރަށް އޭނާ ހާޒިރުކޮށް ސުވާލުކުރުމުން، އޭނާ ނުދޭ މައުލޫމާތުތަކެއް ދިން ކަމަަށް ހަދައި އޭނާގެ ފޮޓޯ ނުޖަހައިގެން އެ ލިޔުންތައް ލިޔެފައިވާ މައްސަލަ ބަލައިދިނުމަށް އެދުނު ކަމަށެވެ.

އެ މައްސަލައިގައި ދައުވާކުރަން ބޭނުން ކަމަށާއި އެގޮތަށް ޖެހި ހަބަރު ނަގައި އޭނާގެ ހައްގު ހޯދަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވީއެވެ.

އިތުރު ތަފްސީލު ދެއްވަމުން މި މައްސަލަ ބަލަމުން އަންނަ ސެކްޝަންގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް އަޒުމާ ވިދާޅުވީ، ދެވަނަ ފަހަރު އެމީހާ ގެނެސް ސުވާލުކުރުމުންވެސް އެއީ ރޭޕެއް ނޫން ކަމަށް ބުނި ކަމަށެވެ.

"ފުރަތަމަ ދުވަހު އެ އަންހެން މީހާގެ ބަޔާން ނަގާފައިވަނިކޮށް ފަހުން މީޑިއާތަކުގައި ރިޕޯޓްކޮށްފައި އިންނަ ތަން މިފެންނަނީ އޭނާއާ ހަވާލާދީ އެއީ ރޭޕްގެ މައްސަލައެއް ކަމަށް. އެފަދަ މައްސަލަތަކުގައި އެ ގަޑީގައި އެ އިނީޝިއަލް ސްޓޭޖްގައި ފުރަތަމަ އެވާހަކަ ދައްކަން، އެދުވަހު އަނެއްކާ އެމީހާ ގެނަސް ސުވާލު ކުރީ. އެވާހަކަ ދައްކަން ޖެހިލުން ވެދާނެތީ އޭނާގެ ތިމާގެ މީހަކާވެސް އެކީ ގެނައީ. ގެނެސް އަޅުގަނޑު ސުވާލު ކުރީވެސް، އަޅުގަނޑު ސުވާލު ކުރީ މިފަދަ ޥާހަކައެއް އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކަމެކޭ ރޭޕެއްގެ ސިފައިގައި ދިޔައީމަ. ބުނީމަ އޭނަވެސް ވަރަށް ކަންބޮޑުވި. މީޑިއާއަށް ދިޔަގޮތެއްވެސް އޭނޭއަކަށް ނޭނގޭ. ކަނޑައެޅިގެން ބުނި ރޭޕެއް ނޫނޭ. މީޑިއާގައި ސިފަވެފައި އޮތް ގޮތަކަށް ނޫން ކަން ހިނގީ،" މަރިޔަމް އަޒުމާ ވިދާޅުވިއެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ އެ މައްސަލަ ރޭޕެއްގެ ގޮތުގައި މީޑިއާތަކާއި މުޖުތަމައުގައި ފެތުރެން ފެށުމާ ގުޅިގެން ވިކްޓިމްއަށް ބޮޑެތި އުނދަގޫތަކެއް ދިމާވެފައިވާ ކަމަށެވެ. އެގޮތުން މުޅި ޕަބްލިކުގައި އޭނާ އެހެން ގޮތަކަށް ދެކެވި، މަގުމަތީގައި ހިނގަން އުދަގޫވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި މިހާރުވެސް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، އެޗްއާރުސީއެމް އާއި ޖެންޑާ މިނިސްޓްރީއަށް ހާޒިރުވެ މައުލޫމާތުދެމުން އަނެއްކާ ފުލުހުންނަށް ހާޒިރުވެ ވާހަކަދައްކަން ޖެހުމުން ކަންބޮޑުވެފައިވާ ކަމަށާއި އެއީ ފުލުހުންގެ ވެސް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލަ ހިނގިއިރު އޭނާ ހުރީ ލޮކްޑައުންއާ ގުޅިގެން، ވަޒީފާ އަދާކުރަމުންދިޔަ ތަނުން ނޯޕޭ ލީވްގެ ގޮތުގައި ލީވް ނަގައިގެން އެހެން ތަނަކަށް ވަޒީފާ ބަދަލުކޮށްގެން ކަމަށެވެ. ނަމަވެސް މި މައްސަލަ ދިމާވުމުން އޭނާ އެތަނުގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.