ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ދިވެހިން ތިބީ މަސްތުގެ ހާލަތުގައި ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަަލައިގެ ތަހުގީގު ކުރިއަށްގެންދާ ގޮތާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މިއަދު ފުލުހުން ހާޒިރުކޮށް މެންބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބުދުލް މަންނާނު ޔޫސުފް ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކޮށް ދޫކޮށްލާފައިވާ ދެމީހުން ހައްޔަރު ކުރި އިރު ތިބީ މަސްތުގެ ހާލަތުގައި ކަމަށް އެވަގުތު ޑިއުޓީގައި ތިބި ފުުލުހުން ރެކޯޑްކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ކަންތައް ކޮށްފައިވަނީ އެ ނަޒަރިއްޔާތުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްޔަރުކުރި މީހުންނާ ބެހޭ ތަފްސީލު ދެއްވަމުން، ހުޅުމާލެ ފުލުހުންގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކޮށް ދޫކޮށްލި ދެ މީހުންނާއި ކެންޔާ އަންހެން މީހާ ހުޅުމާލެ ލަކުޑި ޖެޓީގައި ތިއްބައި އެރޭ ފަތިހު 5:15 ހާއިރު ފުލުހުންގެ ޕެޓްރޯލް މަނުންނަށް ފެނިގެން ސުވާލު ކުރުމަށް ފަހު، ފުލުސް ސްޓޭޝަނަށް ގެންދިޔައީ ވަކިވަކިން ކަމަށެވެ.

އަދި އެ މައްސަލައިގައި ކަން ކޮށްފައިވަނީ އެފަދަ އެހެން މައްސަލަތަކުގައި ފުލުހުން ކަން ކުރާ ގޮތަށް ކަމަށެވެސް ވިދާޅުވިއެވެ.

ހުޅުމާލެ ފުލުހުންގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް މުހައްމަދު ރަޝީދު ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުން ދޫކޮށްލީ އެވަގުތު ހުރި ހެއްކަށް ބަލާފައި އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ. އަދި އެމީހުން 30 ދުވަސްވަންދެން ބަންދުގައި ބައިތިއްބާފައި ހެއްކެއް ނެތިގެންް ދޫކޮށްލުމުގެ ބަދަލުގައި އެމީހުން ދޫކޮށްލީ އެ މައްސަލައިގެ ހެކި ހޯދުމަށް ވަގުތު ހޯދުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެ ފުލުހުން އެ ސަފާރީއަށް އަރައި، އޭތި ފާސްކޮށް ބައެއް ފަރާތްތަކާ ސުވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ހައްޔަރުކޮށްފައި ދޫކޮށްލި ދެމީހުންގެ އިތުރުން، ސަފާރީއަށް އަރައި އޭގެ ކެޕްޓަންގެ އިތުރުން، އެ އަންހެން މީހާ ބޯޓަށް އަރުވައި ބަނގުރާ ދިން މީހާ ކަމަށް ބުނާ މީހާއާވެސް ސުވާލުކުރި ކަމަށް ފުލުހުން ބުންނެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ ހުރީ ތެމިގެން ކަމަށާއި ނަމަވެސް އޭނާގެ ހެދުމުން ތަނެއް ވީދި ހަލާކުވެފައިވާކަން ފާހަގަވެފައި ނުވާ ކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، އެ މައްސަަލައިގައި އެ އަންހެން މީހާ ސަފާރީން ފުންމައިލިކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ރޭގަނޑު ސަފާރީއަކުން އަންހެން ކުއްްޖަކު މޫަދަށް ފުންމާލުމުގައި ކޮންމެވެސް ކަންތައްތަކެއް ހުންނާނެ ކަމަށާއި އެކަަމަށް އަމާޒުކޮށްގެން މައްސަލައިގެ ތަހުގީގު ކުރިއަށްގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.