އަންހެން ކުއްޖަކު މުޖުތަަމައު ތެރޭގައި ވަކި ގޮތަކަށް ހެދުން އަޅައިގެން އުޅުމަކީ އެކުއްޖާއާ މެދު ޖިންސީ ގޯނާކުރަން ހުއްދަ ލިބޭ ކަމެއް ނޫންކަން އެންމެންވެސް ހަނދާން ބަހައްޓަން ޖެހޭނެ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީއާއި އައިޖީއެމްއެޗު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އާއިޝަތު ވިދާޅުވީ، ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ހައްލު ކުރެވޭނީ ސަރުކާރާއި އާންމު ފަރުދުން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބައެއް ފަހަރު ހެދުން އަޅާ ގޮތަކުންވެސް ޖިންސީ ގޯނާއާއި ފުރައްސާރައާ ކުރިމަތިލާން ބައެއް ކުދިންނަށް ނުވަތަ މީހުންނަށް ޖެހޭ ކަމަށާއި ނަމަވެސް ހެދުން އަޅާ ގޮތަކުން ޖިންސީ ފުރައްސާރަ ކުރުމެއް ނުވަތަ ގޯނާކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ ގޮތަކަށް ހެދުން އަޅައިގެން ތިއްބަސް ބަލާ މީހާއަކަށް އެއްވެސް ހައްގެއް ނެތް އަޅުގަނޑުމެންގެ އިއްފަތްތެރިކަން ނަގާލާކަށް ނުވަތަ ޖިންސީ ގޯނާ ކުރާކަށެއް. އެއީ އެއްވެސް މީހަކަށް އޮންނަ ހައްގެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އެންމެ ތުއްތު އިރުއްސުރެ ކަށްވަޅާހަމައަށް ދާންދެންވެސްް އައުރަ ނިވާކުރަން ޖެހޭ ކަމަށާއި އެކަން އެގޮތަށް ކަނޑައަޅައިފައި އޮންނަނީ މަތިވެރި ހިކުމަތަކަށްޓަކައި ކަމަށެވެ.