ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި ވިމެން އިން މެނޭޖްމަންޓް (ވިމް)ގެ ޓޮޕް 50 ގްލޯބަލް އެވޯޑް ރާއްޖޭގެ ތިން ކަނބަލަކަށް ލިބިއްޖެއެވެ.

ކޮލަމްބޯގައި ރޭ ބޭއްވި އެވޯޑުދިނުމުގެ ރަސްމިއްޔާތުގައި ޓޮޕް 50 ގްލޯބަލް އެވޯޑް ލިބިވަޑައިގެންނެވި ދިވެހި ތިން ކަނބަލުންގެ ތެރޭގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވެސް ހިމެނިވަޑައިގެންނެވިއެވެ. މިނިސްޓަރަށް އެވޯޑު ހަވާލުކޮށްދެއްވީ ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދޭނާއެވެ.

މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ އިތުރުން ޓޮޕް 50 ގްލޯބަލް އެވޯޑް ލިބިވަޑައިގެންފައިވަނީ އައިލެންޑް އެވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ އަދި އައިޝަތު ޝަފީގަށެވެ.

މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަށް ލިބިވަޑައިގެންފައިވަނީ "ލީޑާޝިޕް އެވޯޑް އިން ސޯޝަލް ސާވިސް އެންޑް ޕޮލިޓިކްސް" އެވެ. ޖެނިފާއަށް އެވިއޭޝަން ދާއިރާގެ އެވޯޑު ލިބިވަޑައިގެންނެވި އިރު، އައިޝަތު ޝަފީގަށް ލިބިފައިވަޑައިގެންފައިވަނީ "ކަރޭޖަސް އެވޯޑް" އެވެ.

އެ އެވޯޑު ހަފުލާގައި އަހަރުގެ އެންމެ ހިންގުންތެރި ވިމްގެ މެންބަރަށް ވެސް ވަނީ އެވޯޑެއް ދީފައެވެ. "ވިމް މެމްބާ އޮފް ދަ އިޔާ އެވޯޑް" ލިބިވަޑައިގެންފައިވަނީ އިޝާނާ ވަލީދަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ވިމް އިން މިއަހަރުގެ ޓޮޕް 50 ގްލޯބަލް އެވޯޑު ކުރިއަށްގެންގޮސްފައިވަނީ ފޯރަމްއަކާ ވެސް އެކުގައެވެ. ތިން ދުވަހުގެ މުއްދަތަކަށް ބޭއްވި ވިމެން އިކޮނޮމިކް ފޯރަމްގައި ރާއްޖެއިން ދެ ޕެނަލެއްގައި ބައިވެރިވިއެވެ.

"އެންޓަޕްރެނާޝިޕް އެންޑް ގްލޯބަލް މާކެޓް" ގައި ރާއްޖޭގެ ޕެނަލިސްޓަކަށް ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސްގެ ރައީސް މިންހާ ފާއިޒް ރަޝާދު ބައިވެރިވެވަޑައިގެންނެވި އިރު، "ވިމެން އިން ޓުއަރިޒަމް" ގައި ރާއްޖޭގެ ޕެނަލިސްޓަކަށް ބައިވެރިވެޑައިގެންނެވީ ކުރީގެ ހެލްތު މިނިސްޓަރު އަދި ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާއެވެ. ޑރ. ޝަކީލާއަކީ މިއަހަރުގެ އެވޯޑުގެ ޖަޖިން ޕެނަލްގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އޭގެ އިތުރުން "ލުކިން ބިޔޯންޑް ޓޯކެނިސަމް" ގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވާހަކަދެއްކެވިއެވެ. ވިމެން އިކޮނޮމިކް ފޯރަމް އެންޑް އެވޯޑްސްގެ ޑެސްޓިނޭޝަން ޕާޓްނަރަކީ ސަނީ ސައިޑް އޮފް ލައިފްއެވެ.