ޖެންޑާ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓާސް (އެފްސީއެސްސީ) ތަކުގެ ދަށުން ހިންގާ އަމާން ވެށި އަދި އަމާން ހިޔާއަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އަމާން ވެށި އަދި އަމާން ހިޔާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ގެދޮރު ފޯރުކޮށްދޭ އަދި ގެވެށި އަނިޔާ ތަހައްމަލު ކޮށްފައިވާ ފަރާތްތަކަށް ހާއްސަ ހިޔާތަކެއްގެ ގޮތުގައި އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ ސެންޓަރުތަކެވެ.
ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އަމާން ވެށި އަދި އަމާން ހިޔާގައި ތިބޭ ކުދިންނަށް ކިޔެވުމަށް އެހީތެރިވުމުގެ ގޮތުން ވަނީ ހަލުވި ސްޕީޑްގައި ދިރާގު އިންޓަނެޓް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ބ. އޭދަފުށި، ށ. ފުނަދޫ، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ނ.މަނަދޫ، ޅ. ނައިފަރު، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ހިންގާ ސެންޓަރުތައް ހިމެނެއެވެ.
ދިރާގުން ބުނީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު އެ ކުންފުނީގެ އަމާޒަކީ އެ 10 ސެންޓަރުގައި ތިބި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށާއި ރާއްޖޭގެ ޑިޖިޓަލް ލިޓަރަސީ ކުރިއެރުވުމަށް މަސައްކަތް ކުރުން ކަމަށެވެ.
ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އެ ކުންފުނިން ދަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލޭގައި ހުންނަ ފިޔަވަތި ފަދަ ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންނަށް އަޅާލާ ތަންތަނަށް އެކި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހިޔާއަށް އިންޓަނެޓް ފޯރުކޮށްދިނުމާއި ކޮމްޕިއުޓަރު ސިސްޓަމްތައް ހަދިޔާ ކުރުމާއި އެ ސެންޓަރުގެ ކޮމްޕިއުޓަރު ލެބާއި ލައިބްރަރީ ގާއިމުކުރުން ހިމެނެއެވެ.
ދިރާގުން ބުނި ގޮތުގައި، ކުޑަކުދިންނާއި ޒުވާނުންނަށް އެހީތެރިވުމަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސު ކަމަށެވެ. އެގޮތުން މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމް ބޭސްޑް ސަޕޯޓު ފޯރުކޮށްދީ، އެ ދާއިރާގައި މަސައްކަތް ކުރާ އެކި ޖަމިއްޔާތަކަށް އެ ކުންފުނިން އެހީވަމުން އަންނަ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު