ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެހެން މީހުންގެ އެހީއާ ނުލައި ނޫޅެވޭ މީހުންނަށް ކެއަރާ އެލަވަންސް ތައާރަފުކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ، ކެއަރާ އެލަވަންސް ލިބޭނީ ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން މީހެއް ބަލަހައްޓަން ޖެހޭ ފަރާތްތަކަށް ކަމަށެވެ. އެގޮތުން ކެއަރާ އެލަވަންސްގެ ގޮތުގައި އަންނަ މަހުން ފެށިގެން މަހަކު 2،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސައިފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ، ކެއާޓޭކާ އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާ މިހާރަށް ހަމަޖެއްސި ނަމަވެސް އެ މީހުން އުފުލާ ބުރައާ އަޅައިބަލާއިރު އެއީ މަދު އަދަދެއް ކަމަށާއި ނަމަވެސް ބަޖެޓުގެ ތެރެއިން ކޮންމެވެސް އެއްޗެއް އެ ފަރާތްތަކަށް ލިބުމަކީ ލިބޭނެ ހިތްހަމަޖެހުމެއް ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ބައެއް މީހުންނަށް ވަނީ ސެލްްފް ކެއާ އެލަވަންސް ގޮތުގައި 1،000 ރުފިޔާ ދޭން ހަމަޖައްސައިފައެވެ. ސެލްފް ކެއާ އެލަވަންސް ދެނީ ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާއްމުކޮށް ބޭނުންކުރަން ޖެހޭ އިތުރު ތަކެތި ހޯދުމަށް މާލީ އެހީއެއްގެ ގޮތުގައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި މިދިޔަ މަހުގެ ނިޔަލަށް 11،371 މީހަކު ރަޖިސްޓާވެފައިވެއެވެ. އެއީ 6،645 ފިރިހެނުންނާއި 4،726 އަންހެނުންނެވެ. އޭގެ ތެރެއިން 43 ޕަސަންޓް މީހުންނަށް އަންނަ މަހުން ފެށިގެން 3،000 ރުފިޔާގެ އިނާޔަތެއް ލިބޭނެއެވެ. އަދި 15 ޕަސަންޓް މީހުންނަށް 4،000 ރުފިޔާ ލިބޭއިރު، 25 ޕަސަންޓް މީހުންނަށް 5،000 ރުފިޔާ ލިބޭނެއެވެ.
މީގެ އިތުރުން، 15 ޕަސަންޓް މީހުންނަށް 6،000 ރުފިޔާ ލިބޭއިރު 3 ޕަސަންޓް މީހުންނަށް 7،000 ރުފިޔާގެ އިނާޔަތް ލިބޭނެއެވެ.
ހަތްހާސް ރުފިޔާގެ އިނާޔަތް ލިބޭނީ، އެ މީހަކީ އެހެން މީހެއްގެ އެހީއަކާ ނުލައި އެއްގޮތަކަށްވެސް ނޫޅެވޭ އަދި ކޮންސިއުމެބަލްސް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ މީހެއް ނަމައެވެ. އަދި އޭނާއަކީ، ނުކުޅެދުންތެރިކަން ހުންނަ، މަދުވެގެން ތިން މީހުން ދިރިއުޅޭ ގެއެއްގައި އުޅޭ މީހަކަށް ވާންވާނެއެވެ. ނޫން ނަމަ އެ މީހަކަށް ލިބޭނީ 6،000 ރުފިޔާއެވެ. އެއީ ގޭބިސީގައި ނުކުޅެދުންތެރިކަން ހުންނަ މަދުވެގެން ތިން މީހުން އުޅޭނަމަ އެއިން ކޮންމެ މީހަކަށް އިތުރު 1،000 ރުފިޔާ ލިބޭނެތީއެވެ.
- އަސާސީ އެލަވަންސް 2000 ރުފިޔާއިން 3،000 އަށް ބޮޑުކުރެވިފައި
- ކެއަރާ އެލަވަންސް 2000 ރުފިޔާ
- ސެލްފް ކެއާ އެލަވަންސް 1000، ރުފިޔާ
- ގޭބިސީގައި ނުކުޅެދުންތެރިކަން ހުންނަ ތިން ފަރާތްތަށް ވުރެ ގިނަ ނަމަ 1،000 ރުފިޔާ
- ޖިސްމާނީ ނުކުޅެދުންތެރިކަން - 3،045 (1،313 އަންހެނުން، 1،732 ފިރިހެނުން)
- ވިސްނުމުގެ/ސިކުނޑީގެ ނުކުޅެދުންތެރިކަން - 2،641 (1،079 އަންހެނުން، 1،382 ފިރިހެނުން)
- އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން - 1،986 (649 އަންހެނުން، 1،327 ފިރިހެނުން)
- އަޑުއެހުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން - 1،517 (779 އަންހެނުން، 738 ފިރިހެނުން)
- ފެނުމުގެ ނުކުޅެދުންތެރިކަން - 876 (406 އަންހެނުން، 470 ފިރިހެނުން)
- އޯޓިޒަމް - 628 (121 އަންހެނުން، 507 ފިރިހެނުން)
- ނަފްސާނީ ނުކުޅެދުންތެރިކަން - 125 (76 އަންހެނުން، 58 ފިރިހެނުން)
- އުނގެނުމުގެ ނުކުޅެދުންތެރިކަން - 63 (20 އަންހެނުން، 43 ފިރިހެނުން)
ޖެންޑާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާތަނަށް 244.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެެވެ. އޭގެ ތެރޭގައި 504 މީހަކަށް ތެރަޕިއުޓް ފަރުވާ ދިނުމަށް ހަރަދުކުރި 16.2 މިިލިއަން ރުފިޔާވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު