ޑރ.އަފްރާޝީމް އަލީ އާއި ބްލޮގާ ޔާމީން ރަޝީދުގެ މަރާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލައިފައިވާ މައްސަލަ ބަލަމުން ގެންދާ މަރު ކޮމިޝަނަށް، އެ މައްސަލަތަކާ ބެހޭގޮތުން ހަތަރު ފަރާތަކުން ސިއްރު ހެކިބަސް ދީފައިވާ ކަމަށާއި، ނަމަވެސް އެ ހެކިބަސް ރައްދުވާ ފަރާތްތައް މިނިވަން ކަމާއެކު ބޭރުގައި ތިބުމުން އެކަމާ ބެހޭގޮތުން އިތުރު ފަރާތްތަކަށް ހެކިބަސްދޭން ނުކެރިގެން އުޅޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހެކިން ހާޒިރު ކުރުމަގައާއި ހެކިބަސް ނެގުމުގައި ކޯޓުތަކުން އަމަލު ކުރާ ގޮތުން އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސް އެޅޭކަމަށް ބުނެ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް މިއަދު ހުށަހެޅި ހުށަހެޅުމާބެހޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ހެކިބަސް ނުލިބިގެން ނުވަތަ ހެކިންގެ ކަންކަން ދިމާވެގެން ޝަރީއަތްތައް ކުރިޔަށް ނުގޮސް ވާކަން އެކަމުން ފާހަގަ ވާ ކަމަށެވެ.
ހާއްސަކޮށް މަރު ކޮމިޝަނުން ކުރިޔަށް ގެންދާ މަރުތަކާއި ގެއްލިފައިވާ މީހުންގެ ކަންކަން ފާހަގަވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މަރުތަކާއި ގެއްލިފައިވާ މީހުންގެ ކަންތައްތަކާގުޅޭގޮތުން ސިއްރު ހަތަރު ހެއްކެއް ކަން ހިނގާދިޔަ ގޮތުގެ ބަޔާން މަރު ކޮމިޝަނަށް ދީފައިވާ ކަމަށެވެ. ނަމަވެސް އެ ހެކި ރައްދުވާ ނުވަތަ ތުހުމަތު ވާ ފަރާތްތައް ބޭރުގައި ތިބުމުން ސިއްރުންވިޔަސް ފާޅުގައިވިޔަސް ބައެއް ފަރާތްތައް ހެކިބަސްދޭން ޖެހިލުންވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ސިއްރު ހަތަރު ހެއްކެއް މަރުތަކާ ގުޅޭގޮތުން ފުރަތަމަ ބަޔާނެއް ކަން ހިގާދިޔަގޮތް ކޮމިޝަނަށް ވަނީ ސާފުކޮށްދީފައި، ސިއްރު ހެކިން ވަނީ ކޮމިޝަނަށް ބަޔާނެއް ދީފައި، އެ ބަޔާން ދިނުމާއިއެކުގައި އެ ރައްދުވާ، ނުވަތަ ތުހުމަތުވާ ފަރާތްތައް ދެންް ބޭރުގައި ތިއްބާ ސިއްރުން ވިޔަސް ފާޅުގައި ވިޔަސް ބައެއް ފަރާތްތައް ހެކިބަސްދޭން އެބަ ޖެހިލުން ވޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ހެކިބަސް ދިނުމަކީ ގާނޫނުސާސީގައި ރައްޔިތުންގެ ވާޖިބެއް ކަމަށާއި، އެއި ރައްޔިތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ގާނޫނުއަސާސީގައި ހައްގުތަކާއެކު ވާޖިބުތަކެއް ރައްޔިތުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެކަންކަމަށް ބަލާއިރުވެސް ގެއްލިފައިވާ މީހުންނާއި މަރުތަކުގެ މައްސަލައިގައި ކުރަން ޖެހޭ ދައުވާތައް މިވަގުތުން ވަގުތަށް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.