މަޖިލީހުގެ ރައީސް

މަޖިލިސް ރައީސް ޖާބިރަށް: ކޮވިޑްގެ ތެރޭގައި މައިމޫނާ ކޮށްދެއްްވި މަސައްކަތްތަކަށް ޝުކުރުވެރިވާން ޖެހޭ

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ކޮށްދެއްވި މަސައްކަތްތަކަށް ދިވެހި ރައްޔިތުން ޝުކުރު އަދާކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ކޮވިޑް 19 ސިއްހީ ކުއްލި ނުރައްކަލުުގެ ހާލަތު އިއުލާންކޮށް، އޭގެ ދަށުން މާލެ ސަރަހައްދު ލޮކްޑައުންކޮށްގެން ކުރިއަށް ގެންދިޔަ ކަންތައްތަކަކީ ގާނޫނުއަސާސީއާ ހިލާފަށް، ޑިރެކްޓާ ޖެނެރަލް އަމުރު ނެރުއްވައިގެން ކުރިއަށްގެންދިޔަ ކަންތައްތަކެއްްކަމަށާއި، އެކަމާގުޅިގެން މައިމޫނާއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ޖާބިރު އެގޮތަށް ވާހަކަ ދައްްކަވަން ފެއްޓެވުމުން ޖާބިރުގެ ވާހަކަ މެދުކަނޑުއްވާލައްވައި ރައީސް ނަޝީދު ވިދާޅުވީ، ޕަބްލިކް ހެލްތު އޮތޯރިޓީގެ ޑިރެކްޓާ ގެނެރަލް މައިމޫނާ ގެ ހިދުމަތްތަކަކީ މަޖިލިސް މެންބަރުން ޝުކުރުވެރިވާނެ ހިދުމަތްތަކެއް ކަަށެވެ. ހާއްސަކޮށް ކޮވިޑް ރޯގާގެ ތެރޭގައި، ސާބިތުކަމާއި ހަރުދަނާކަމާއި، ހަމަޖެހުމާއި އެކީގައި މައިމޫނާ ރައްޔިތުންނަށް އިރުޝާދުތައް ދެއްވަމުން ގެންދެވިގޮތް މަޖިލިސް ރައީސް ފާހަގަ ކުރެއްވިއެވެ.

"ޕަބްލިކް ހެލްތު އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ ގެ ހިދުމަތްތަކާއި އެބޭފުޅާ ކޮށްދެއްވާފައިވާ މަސައްކަތްތަކާއި، އަދި ހާއްސަކޮށް މި ރޯގާގެ ތެރޭގައި އެބޭފުޅާގެ ސާބިތުކަމާއި ހަރުދަނާކަމާއި، އަޅުގަނޑުމެން ރައްޔިތުންނަށް ހަމަޖެހުމާއި އެކީގައި އިރުޝާދުތައް ދެއްވަމުން ގެންދެވި ގޮތް އެއީ އަޅުގަނޑު ހިތުން ތިޔަ އިއްޒަތްތެރި މެންބަރުވެސް އަދި މި އިއްޒަތްތެރި މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެންބަރުން ވެސް އެބޭފުޅާއަށް ޝުކުރުވެރިވާނެ ކަމެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އެހެން ވިދާޅުވުމުން ޖާބިރު ވިދާޅުވީ އެކަމަށް ޝުކުރުވެރި ނުވާނެ ކަމަށާއި، އޭނާ އެ ފާހަގަ ކުރައްވަނީ ގާނޫނާ ހިލާފަށް މައިމޫނާ ކުރެއްވި ކަންތައްތައް ކަމަށެވެ. އަދި ގާނޫނު މުގުރާ މީހުންނަށް ކިޔުމަށް ގާނޫނުއަސާސީގައި އޮންނަނީ ޣައްދާރުން ކަމަށާއި، ވަގުތުން ވަގުތަށް މައިމޫނާ ހައްޔަރު ކުރަންޖެހޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.