ހުޅުމާލެ ފަޅު ތެެރޭގައި އޮތް ސަރާފީއެއްގައި މިދިޔަ ހުކުރު ދުވަހުގެރޭ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފައި ނެތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ނުފޫޒުން ކަމަށް އެއްވެސް ރައްޔިތަކު ނުދެކުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދި ވަޑައިގެންފިއެވެ.
މަޖިލިސް ރައީސް މިގޮތަށް އެދިވަޑައިގެންނެވީ، ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ހުކުރު ދުވަހުގެރޭ ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައާ ބެހޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭޕްކުރި ކަމަށް ބުނާ އެ މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރު ކުރި ދެމީހުން ދޫކޮށްލާފައިވާއިރު އޭގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ފިރިކަލުން ހިމެނޭ ކަމަށާއި، އެ މީހުން ދޫކޮށްލީ ސިޔާސީ ނުފުޒުން ކަމަށް ސޯޝަލް މީޑީއާގައި ދަނީ ބުނަމުންނެވެ.
މަޖިލިސް ރައީސް މިއަދު ވިދާޅުވީ، ރޭޕްގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ދޫކޮށްލީ، އޭނާއަކީ މަޖިލިސް މެންބަރެއްގެ ފިރިކަލެއް ކަމަށް ވާތީ ކަމަށް އެ މެންބަރުގެ ސިޔާސީ ޕާޓީ އާއި ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެންބަރުން ފާހަގަ ކުރަމުންދާ ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފައި ނެތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ނުފޫޒުން ކަމަށް އެއްވެސް ރައްޔިތަކު ނުދެކުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، "މަޖިލީހުގެ އެއްވެސް މެންބަރަކު ފުލުހުންގެ އިދާރައިން ހިންގާ މިބާވަތުގެ ތަހުގީގަށް، ހާއްސަކޮށް ޖިންސީ ގޯނާ އާއި ގެވެށި އަނިޔާ އާއި ކުޑަކުދިންގެ ހައްގުތަކާއި، ގުޅޭ ތަހުގީގު ތަކުގައި އެއްވެސް އިއްޒަތްތެރި މެންބަރަކު އެއްވެސް މުއައްސަސާއެއްގެ ވެރިޔަކަށްވެސް އަދި ކަމަކާ ހަވާލުވެ ހުރި މީހަކަށްވެސް އިރުޝާދެއް ދިނުމަށްވެސް، ލަފައެއް ދިނުންވެސް، މައުލޫމާތެއް ހޯދުމަށް ވެސް، ފޯނުކޮށް ހަދައި އުޅުއްވުމަކީ ރަނގަޅުކަމެއް ނޫން، އެއީ މި އިއްޒަތްތެރި މަޖިލީހުގެ ރިޔާސަތުން ބަލައިގަންނާނެ ކަމެއް ނޫން،" ކަމަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް