ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ގަލަޓަސަރާއީން ކުޅުނު މެޗުގައި ލިވަޕޫލް ބަލިކުރި އިރު، ބާސެލޯނާއިން ނިއުކާސަލްއާ އެއްވަރު ކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ މެޗުތައް ރޭ ފަށާފައިވާ އިރު، ލިވަޕޫލަށް ފުރަތަމަ ލެގު ކުޅެން ޖެހުނީ ގަލަޓަސަރާއީ ދަނޑުގައެވެ. އެމެޗު ވެގެން ދިޔައީ ހީކުރި ގޮތަށް، އުނދަގޫ މެޗަށެވެ. ގަލަޓަސަރާއީ ކައިރިން ލިވަޕޫލް ރޭ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެނިގެން ދިޔައީ ހަމަލާތައް ގިނަ މެޗެއް ގޮތުގައެވެ. ފުރަތަމަ ކޮޅުގައި މާރިއޯ ލެމީނާ ގަލަޓަސަރާއީއަށް ލީޑު ނަގައިދިން އިރު، ލިވަޕޫލުން ތަނަވަސްކުރި ފުރުސަތުތަކުގެ ބޭނުން އެޓީމަށް ހިފޭނެ ގޮތެއް ނުވިއެވެ. ފްލޯރިއަން ވާޓްސްއާއި މުހައްމަދު ސަލާހްގެ އިތުރުން ހޫގޯ އެކިޓީކޭއާއި އެލެކްސިސް މެކް އަލިސްޓާއަށްވެސް ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވިއެވެ.

ނޮއާ ލޭންގާއި ޑެވިންސަން ސަންޗޭޒް އަނެއްކޮޅުން ނުރައްކާކުރި އިރު، އެ ހަމަލާތަކުގެ ހުރަހަކަށްވީ ޖިއޯޖީ މާމަޑޭޝްވިލީއެވެ.

ލިވަޕޫލްގެ އިބްރާހިމާ ކޮނާޓޭ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލި ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ އޭނާ އަތުގައި ބޯޅަ ޖެހުނު ކަމަށެވެ.

ބާސާއާއި ނިއުކާސަލް، ނިއުކާސަލް ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، ހާވީ ބާންސް ނިއުކާސަލްއަށް ފުރަތަމަ ލީޑު ނަގައިދިނީ 86 ވަނަ މިނެޓުގައެވެ. ޖޭކޮބް މާފީ ނަގައިދިން ބޯޅައިން އޭނާ ބޯޅަ ގޯލަށް ވައްދާލި އިރު، ލެމީން ޔަމާލް ބާސާއަށް އެއްވަރުކޮށްދިނީ 96 ވަނަ މިނެޓުގައެވެ. އެއީ ޕެނަލްޓީއަކުންނެވެ.

ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، އެޓަލާންޓާއިން ބަޔާން މިއުނިކް ކައިރިން އަމިއްލަ ދަނޑުގައި ބަލިވީ 6-1 އިންނެވެ. އެތުލެޓިކޯ މެޑްރިޑުން ވަނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ކައިރިން 5-2 އިން މޮޅުވެފައެވެ.