ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރެއާލް މެޑްރިޑުން ރޭ ކުޅުނު މެޗުގައި ފަހުވަގުތު ފެޑެރީކޯ ވަލްވާޑޭ ޖެހި ގޯލުން އޭއީކޭ އެތެންސް ބަލިކުރި އިރު، ލިވަޕޫލުން ފެނަބާޗޭ ކައިރިން ބަލިވެއްޖެއެވެ.

ލިވަޕޫލަށް ކުރިން ކުޅުނު ޑާކް ކައިޓްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ފެނެބާޗޭ ކައިރިން ލިވަޕޫލް ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި ރެއާލުން ރަށުން ބޭރުގައި އެތެންސް ކައިރިން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

ރެއާލުން ކުޅުނު މެޗުގައި އެތެންސްއިން ވަނީ ދެފަހަރަށް ލީޑު ނަގައިފައެވެ. ފުރަތަމަ ފަހަރަށް އެތެންސުން ލީޑު ނެގީ 12 ވަނަ މިނެޓުގައެވެ. އޭގެ ކުރިންވެސް އެތެންސުން ނުރައްކާ ކުރަމުން ގޮސް، 12 ވަނަ މިނެޓުގައި ރެއާލް ކޮޅަށް ފުރަތަމަ ގޯލް ޖެހީ އަބޫބަކަރީ ކޮއިޓާއެވެ. އޭގެ އިރުކޮޅެއްފަހުން ލޫކާ ޖޮވިޗްވެސް ނުރައްކާކުރިއެވެ.

އެހެން ނަމަވެސް، ދެން ފެނުނީ ރެއާލްގެ އެޓޭކްތަކެވެ. ކިލިއަން އެމްބާޕޭގެ ހަމަލާއެއް ގޯލްގެ ދަނޑިމަތިން ދިޔަ އިރު، 32 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ މެޗު އެއްވަރު ކޮށްފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ސްޓާބޯސް ޕިލިއޯސް އެތެންސަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން އިރު، އޭގެ އިރުކޮޅެއްފަހުން ޑެންޒިލް ޑަމްފްރީސްގެ ބޯޅައިން ލީޑު އެއްވަރުކޮށްދިނީ އެމްބާޕޭއެވެ. ރެއާލް މޮޅުވި ގޯލަކީ ފެޑެރީކޯ ވަލްވާޑޭ ދުރުން ފޮނުވާލި ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ. މެޗުގެ ފަހުކޮޅުގައި އެތެންސްގެ ކޮއިޓާއަށް ވަނީ ރަތެއް ދައްކައިފައެވެ.

ލިވަޕޫލުން ރަށުން ބޭރުގައި ކުޅުނު މެޗުގެ ލީޑު ނެގީ ޓްރޭ ޔޯނީ ޖެހި ގޯލުންނެވެ. އޭގެފަހުން މޭސަން ގްރީންވުޑް ފެނަބާޗޭއަށް އެއްވަރުކޮށްދިން އިރު، ދެވަނަ ހާފުގައި އަނެއްކާވެސް ލިވަޕޫލް ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ އެލެކްސެންޑާ އިސާކެވެ. އޭގެފަހުން އާޗީ ބްރައުންއާއި ވެޑެޓް މުރިގީގެ ގޯލްތަކުން ކައިޓްގެ ފެނަބާޗޭ މެޗުން ތިން ޕޮއިންޓް ހޯދިއެވެ.

ތާވަލުގައި މިވަގުތު ރެއާލް އޮތީ ދެވަނައިގައެވެ. އެއީ ހަތަރު މެޗުން 12 ޕޮއިންޓާއެކުގައެވެ. ރެއާލަށް ވަނީ އެއްވަނައިގައި އޮތް ޕީއެސްޖީއާ އެއް އަދަދަކަށް ޕޮއިންޓް ލިބިފައެވެ. ލިވަޕޫލް އަށް ވަނައިގައި، ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު އޮތް އިރު، ފެނަބާޗޭ އޮތީ 19 ވަނައިގައެވެ. އެއީ ހަތަރު މެޗުން ފަސްވަނައިގައެވެ. އެތެންސް އަދި ހޯދީ ތިން ޕޮއިންޓެވެ. އެޓީމު އޮތީ 29 ވަނައިގައެވެ.