ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ތަފާތު ބޮޑުކޮށް ޕީއެސްވީ އެންދޮވެން ބަލިކުރި އިރު، މެންޗެސްޓާ ސިޓީއާއި އާސެނަލުން ކުޅުނު މެޗުތައްވެސް އެއްވަރު ވެއްޖެއެވެ.
ރެއާލުން މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވަމުންދާ އިރު، ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވީ 5-1 އިންނެވެ. އާސެނަލުން އަމިއްލަ ދަނޑުގައި ބްރޫޝިއާ ޑޯޓްމުންޑް ކައިރިން 1-1 އިން އެއްވަރުވި އިރު، ސިޓީން އަމިއްލަ ދަނޑުގައި ނަޕޯލީއާ އެއްވަރުކުރީ 2-2 ގެ ނަތީޖާއަކުންނެވެ.
ރެއާލުން ތާވަލުގެ އެއްވަނައިގައި ފަސް މެޗުން 15 ޕޮއިންޓާއެކު އޮތް އިރު، ޕީއެސްޖީން ދެވަނައިގައި އޮތީ ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓާއެކުގައެވެ. އާސެނަލުން ރޭ އެއްވަރުވުމާއެކު ފަސް މެޗުން 11 ޕޮއިންޓް ހޯދައިގެން މިހާރު އޮތީ ފަސްވަނައިގައެވެ. ހަ ވަނައިގައި ސިޓީ އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ. ހަތްވަނައިގައި އޮތީ ޑޯޓްމުންޑެވެ. އެއީވެސް ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ. ނަޕޯލީގެ ފޯމު ދަށްކޮށް ފެންނަމުންދާ އިރު އެޓީމަށް ފަސް މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓާއެކުގައެވެ. އެއާއެކު ނަޕޯލީ އޮތީ ތާވަލުގެ 27 ވަނައިގައެވެ.
ރޭ ރެއާލުން ކުޅުނު ފުރަތަމަ މެޗުގައި ހާލަތު ބަދަލުވެގެން ދިޔައީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފު ނިމުނު އިރު ޕީއެސްވީ އޮތީ ލީޑު ގައެވެ. އެއީ އިވާން ޕެރަސިޗްގެ ޕެނަލްޓީއަކުން އެޓީީމުން ޖެހި ގޯލެކެވެ.
ދެވަނަ ހާފަށް ޖޫޑް ބެލިންހަމްވެސް ކުޅެން ނެރެފައިވާ އިރު، މެޗުގެ 50 ވަނަ މިނެޓުގައި ފެޑެރީކޯ ވަލްވާޑޭ ޖެހި ގޯލުން އެއްވަރުވިއެވެ. ދެން ފެނުނީ ބެލިންހަމްގެ ތަފާތު މޮޅު، ހިތްގައިމު ގޯލެކެވެ. އޭރިއާ ބޭރުން ކިލިއަން އެމްބާޕޭގެ ޕާސް ކޮންޓްރޯލް ކޮށްލުމަށްފަހު ވައިގެ ތެރޭގައި އިތުރު ޓަޗެއް ޖައްސާލުމަށްފަހު ބެލިންހަމް ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ކަނަށެވެ.
ބެލިންހަމް މެޗަށްފަހު ބުނީ އެއީ ކެރިއަރުގައި މިހާތަނަށް ކާމިޔާބުކުރެވުނު އެންމެ ހިތްގައިމު ގޯލް ކަމަށެވެ. އެ ގޯލާއެކު ލީޑު ނެގި ރެއާލަށް އެމްބާޕޭ އިތުރު ދެ ގޯލް ޖަހައިދިން އިރު، ފަހު ގޯލް ޖަހައިދިނީ ވިނީޝިއަސް ޖޫނިއާއެވެ. މެޗުގައި ވިނީޝިއަސްގެ އިތުރު ދެ ހަމަލާއެއް ފެނިގެން ދިޔަ ނަމަވެސް، އޭނާއަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ.
މޮޅުވުމުގެ ރެކޯޑެއްގައި އޮތް އާސެނަލުން ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީވެސް އެޓީމުންނެވެ. ވިކްޓާ ޔޯކެރޭޝްގެ ގޯލުން 10 ވަނަ މިނެޓުގައި ލީޑު ނަގައި އާސެނަލުން ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެޓީމަށް ފުރުސަތުތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ނުހިފުނެވެ. ނަތީޖާއެއްގެ ގޮތުން ޑޯޓްމުންޑްގެ މެކްސިމިލިއަން ބެއިއާ ވަނީ ދެވަނަ ހާފުގައި މެޗު އެއްވަރު ކޮށްފައެވެ.
ލީގުގައިވެސް އުނދަގޫ ހާލަތެއްގައި އޮތް ސިޓީން ރޭ ކުޅުނު މެޗުގައި އެޓީމަށް ވަނީ ދެފަހަރު މެޗު އެއްވަރުކުރަން ޖެހިފައެވެ. ރަސްމުސް ހޮއިލުންގެ 55 ވަނަ މިނެޓުގައި ނަޕޯލީއަށް ލީޑު ނަގައިދިން ނަމަވެސް، އޭގެ 10 ވަރަކަށް މިނެޓް ފަހުން އައްޔޫބު ބުއާދީ ވަނީ މެޗު އެއްވަރު ކޮށްފައެވެ. 76 ވަނަ މިނެޓުގައި ނައޯލ ލޭންގް އަނެއްކާވެސް ނަޕޯލީއަށް ލީޑު ނަގައިދިނެވެ. އެހެން ނަމަވެސް ރަޔަން ޗާކީ ވަނީ 86 ވަނަ މިނެޓުގައި ސިޓީއަށް ޕޮއިންޓެއް ސަލާމަތް ކޮށްދީފައެވެ.
ކޮމެންޓް