ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ބާސެލޯނާއާއި ލިވަޕޫލުން ކުޅުނު މެޗުތައް ކާމިޔާބުކުރި އިރު، ޕީއެސްޖީއާއި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުތަކުން އެއްވަރުވެއްޖެއެވެ.
ރޭ ބާސާއިން ރަށުން ބޭރުގައި އަޒަރުބައިޖާންގެ ސަބާހް އެފްކޭ ވާދަކުރި މެޗު 4-1 އިން ބާސާއިން ކާމިޔާބުކުރި އިރު، ލިވަޕޫލުން ރަށުން ބޭރުގައި ކްލަބު ބްރޫޖް ބަލިކުރީ 3-0 އިންނެވެ. މިދިޔަ ދެ އަހަރުވެސް ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީން ރޯމާ ކައިރިން 2-2 އިން އެއްވަރުވި އިރު، ޑްރާމާ ބޮޑުވި މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ސްޕޯޓިން ލިސްބަން ކައިރިން އެއްވަރުވީވެސް 2-2 އިންނެވެ. އަދި ބަޔާން މިއުނިކުން ކުޅުނު މެޗުގައި ލިލް ކައިރިން ބަލިވީ 2-1 އިންނެވެ. އެއީ ރަށުން ބޭރުގައެވެ.
ބާސާއިން މިހާތަނަށް ކުޅުނު ފަސް މެޗުން 12 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތް އިރު، ލިވަޕޫލް އޮތީ ފަސްވަނައިގައެވެ. އެއީވެސް ފަސް މެޗުން 12 ޕޮއިންޓާއެކުގައެވެ. ސްޕޯޓިން ނުވަ ވަނައިގައި ފަސް މެޗުން 10 ޕޮއިންޓާއެކު އޮތް އިރު، ޕީއެސްޖީން މިވަގުތު އޮތީ ދެވަނައިގައެވެ. އެއީ ފަސް މެޗުން 13 ޕޮއިންޓާއެކުގައެވެ. ބަޔާނުން ފަސް މެޗުން އަށް ޕޮއިންޓާއެކު 15 ވަނައިގައި އޮތް އިރު، ޔުނައިޓެޑް އޮތީ 19 ވަނައިގައެވެ. އެއީ ފަސް މެޗުން ހަތް ޕޮއިންޓާއެކުގައެވެ.
ބާސާއިން ކުޅުނު މެޗުގައި އެޓީމުގެ ތަރިއަކީ އެންތަނީ ގޯޑަންއެވެ. ގޯޑަން ވަނީ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދީފައެވެ. ދެވަނަ ހާފު ފެށިތަނުން ބާސާއިން ދެ ގޯލް ޖަހައި އިތުރަށް ލީޑު ފުޅާކުރި އިރު، އެ ގޯލްތައް ޖެހީ ގޯޑަންއާއި ކަރީމް އަދެޔޭމީއެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް އިތުރު ގޯލެއް ޖެހި އިރު، ސަބާހްގެ ހަމައެކަނި ގޯލް އޭގެ ތިން މިނެޓް ފަހުން ޖަހައިދިނީ ޖޯއީ-ލާންސް މިކެލްސްއެވެ.
ލިވަޕޫލުން ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އިރު، އެޓީމުން ރޭ ކުޅުނު މެޗުގައިވެސް އެލެކްސެންޑާ އިސާކް ވަނީ ދެ ގޯލް ޖަހައިފައެވެ. އަދި އަނެއް ގޯލް ޖަހައިދިނީ ފްލޯރިއަން ވާޓްސްއެވެ.
ޕީއެސްޖީއާއި ރޯމާ އެއްވަރުވި މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، މެޗު އޮތީ 1-1 އިން އެއްވަރުވެފައެވެ. ފުރަތަމަ ރޯމާއިން ލީޑު ނެގީ މާރިއޯ ހާމޯސޯއެވެ. އަދި ހާފު ނިމުމުގެ ކުރިން 31 ވަނަ މިނެޓުގައި އިލްޔާ ޒަބާނިޔީ އެއްވަރު ކުރި އިރު، ދެވަނަ ހާފުގައި އުސްމާން ޑެމްބެލޭގެ ގޯލުން ޕީއެސްޖީ ލީޑު ނެގިއެވެ. އެ ގޯލާއެކު ޕީއެސްޖީން އެއްވަރުވާން ދަނިކޮށް، ރޯމާއަށް އެއްވަރުކޮށްދިނީ ޑޮންޔެލް މާލެންއެވެ.
އާ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ އެޓީމުގެ ކީޕަރު ސެނޭ ލަމެންސްގެ ގޯސްތަކެއް ފެނުނެވެ. ފުރަތަމަ ހާފުގައި ސްޕޯޓިންއަށް ދެ ޕެނަލްޓީ ލިބިގެން ގޮސްފައިވާ އިރު، ފުރަތަމަ ޕެނަލްޓީ ލުއިސް ސައަރޭޒް އަތުންވީ ނާކާމިޔާބެވެ. އެހެން ނަމަވެސް ދެވަނަ ޕެނަލްޓީ އޭނާ ކާމިޔާބުކުރިއެވެ.
ދެވަނަ ހާފު ފެށިތަނުން ބްރޫނޯ ފެނާންޑޭޒްގެ ޕެނަލްޓީއަކުން ޔުނައިޓެޑުން މެޗު އެއްވަރުކުރި އިރު، އޭގެ އިރުކޮޅެއްފަހުން ފެނާންޑޭޒްގެ ދެވަނަ ގޯލާއެކު އެޓީމުން ލީޑުވެސް ނެގިއެވެ. މެޗުގައި ސްޕޯޓިން އެއްވަރުކުރީ 80 ވަނަ މިނެޓުގައެވެ. ސުއަރޭޒްގެ އޯވަހެޑަކުން މެޗު އެއްވަރުކުރި އިރު، ޔުނައިޓެޑުން ނިންމާލީ ރަތަކާއެކުގައެވެ. އިތުރު ވަގުތުގައި ރެފްރީ ވަނީ ޔޫރީ ތީލަމަންސްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދައްކައިފައެެވެ.
ލިލްއާއި ބަޔާން ވާދަކުރި މެޗުގެ ފުރަތަމަ ކޮޅުގައި ޑަޔޯ އުޕަމެކާނޯ ބަޔާނަށް ލީޑު ނަގައިދިން ނަމަވެސް، ދެވަނަ ހާފުގައި ލިލްއިން ދެ ގޯލް ޖެހިއެވެ. އަޔާސޭ އުއޭޑާގެ ގޯލެއްގެ އިތުރުން ދެން ފެނުނީ އެލެކްސެންޑާ ޕަވްލޮވިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާ އިރު، އިންޓަ މިލާނުން ވަނީ 2-0 އިން ވީއެފްބީ ސްޓަޓްގާޓް ބަލިކޮށްފައެވެ. އަދި އެތުލެޓިކޯ މެޑްރިޑުން ވައިކިން ބަލިކުރީ 2-0 އިންނެވެ.
ކޮމެންޓް