ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ސްލާވިއާ ޕްރާގު ބަލިކުރި އިރު، މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި އާރްބީ ލެއިޕްޒިގް ބަލިކޮށްފިއެވެ.

މިހާތަނަށް ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި އާސެނަލް ބަލިވެފައި ނުވާ އިރު، ރޭ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެއީ ރަށުން ބޭރުގައެވެ. އާސެނަލް ތާވަލުގެ ތިންވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓާއެކު އޮތް އިރު، އެޓީމަށް ޕޮއިންޓް ގެއްލުނީ ބަޔާން މިއުނިކް ކައިރިން އެއްވަރު ވެގެން އެކަންޏެވެ.

ސިޓީން ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު ހަތްވަނައިގައި އޮތް އިރު، އެޓީމުން ރޭ ރަށުން ބޭރުގައި ލެއިޕްޒިގް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

އާސެނަލުން ކުޅުނު މެޗުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ ވިކްޓޯ ޔޯކެރޭޝްއެވެ. ފުރަތަމަ ނޮނީ މަޑުއޭކޭ ޖެހި ގޯލަށް އޭނާ ފުރުސަތު ތަނަވަސްކޮށްދިން އިރު، އާސެނަލުން ލީޑު ނެގީ ނުވަ ވަނަ މިނެޓުގައެވެ. އޭގެފަހުން ހާފު ނިމުމުގެ ކުރިން ޔޯކެރޭޝް ވަނީ އާސެނަލަށް ދެވަނަ ގޯލެއް ޖަހައިދީފައެވެ.

ސްލާވިއާ ޕްރާގުން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކުރި އިރު، އޮސްކާ ކުބިއަކަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ކީޕަރު ޑޭވިޑް ރާޔާއެވެ. ސްލާވިއާ ޕްރާގުން ކުރި މަސައްކަތުން 90 ވަނަ މިނެޓުގައި ވިކްޓޯ ނޯވާކް އެޓީމަށް ގޯލެއް ޖަހައިދިން ނަމަވެސް، އޭރު އޮތީ ވަގުތު ފާއިތުވެފައެވެ.

ސިޓީން ކުޅުނު މެޗުގައި 37 ވަނަ މިނެޓުގައި ކަސްޓެޔޯ ލުކެބާ އަތުން ބައިކޮޅަށް ގޯލް ވަދެ، އެޓީމަށް ލީޑު ލިބުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ރިޑްލް ބަކޫ މެޗު އެއްވަރުކުރިއެވެ. އެހެން ނަމަވެސް އޭގެ 10 މިނެޓް ފަހުން އަނެއްކާވެސް އެންޒޯ ފެނާންޑޭޒް ސިޓީއަށް ލީޑު ނަގައިދިނެވެ.

ފޯރިގަދަކޮށް ފެނުނު މެޗުގެ 61 ވަނަ މިނެޓުގައި އެންޓީނިއޯ ނުސާ، ކްރިސްޓޮފާ އެންކުންކޫ ތަނަވަސްކުރި ފުރުސަތުގައި ގޯލް ޖެހި އިރު، ސިޓީ މޮޅުވި ގޯލް އާލިން ހާލަންޑް ޖަހައިދިނީ 78 ވަނަ މިނެޓުގައެވެ. އެއީ އެލިއަޓް އެންޑަސަންގެ ގޯލުންނެވެ.