ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގަދަ 16 އިން ވިލިމާލެ، މައްޗަންގޮޅި، ގާފަރާއި ކުޑަހުވަދުއާއި ދިއްގަރުންވެސް ޖާގަ ހޯދައިފިއެވެ.
މާލޭގެ ޒޯން ކަމަށްވާ ޒޯން އަށެއްގެ މެޗުތަކަށް ރޭ ނުކުތް އިރު، އެ ޒޯނުގައި ވާދަކުރާ ހަތަރު ޓީމުވެސް ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތް އިރު، އެ ހަތަރު ޓީމަށްވެސް ޒޯން ފައިނަލަށް ގޮސް، ގަދަ 16 އިން ޖާގަ ހޯދުމަށް ފުރުސަތު އޮތެވެ.
މައްޗަންގޮޅިން ގަދަ 16 ޔަގީންކުރީ 2-2 އިން ހުޅުމާލެއާ އެއްވަރުކޮށް، ޖެހި ގޯލުގެ ފަރަގުންނެވެ. މައްޗަންގޮޅީގެ ދެ ގޯލުވެސް އަހުމަދު ހުސައިން ޖެހި އިރު، ހުޅުމާލޭގެ ގޯލުތައް ޖެހީ އަހުމަދު މައީޝް މުހައްމަދާއި އަހުމަދު މަހުދީއެވެ. ވިލިމާލެއިން ގަދަ 16 ޔަގީންކުރީ މާފަންނު ކައިރިން 1-4 އިން މޮޅުވެގެންނެވެ.
ވިލިމާލޭގެ ގޯލުތައް ޖެހީ އިސްމާއީލް ވަޖީހު (ވައްޖެ) އާއި އަބްދުﷲ ސަމީހު މޫސާއާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ. ވައްޖެ ދެ ގޯލު ޖެހި އިރު، މާފަންނުގެ ގޯލު ޖެހީ ހުސައިން ސުހައިލް (ސޮކޭ) އެވެ.
ޒޯން ތިނެއްގެ ފަހު ދެ މެޗުވެސް ރޭ ކުޅެފައިވާ އިރު، އެ ޒޯނުން ބ. އޭދަފުށި އޮތީ ކުރިން ގަދަ 16 ޔަގީންކޮށްފައެވެ. ފަހު ޖާގައަށް ކ. ގާފަރާއި ޅ. ކުރެންދޫން ވާދަކުރި އިރު، ކުރެންދުއަށް އޮތީ ގާފަރު ބަލިވެ، ގިނަ ގޯލުތަކެއް ޖަހަން ޖެހިފައެވެ.
ގާފަރުން ވަނީ އަމިއްލަ ބާރުގައި ގަދަ 16 ޔަގީންކޮށްފައެވެ. އެއީ 1-1 އިން އޭދަފުއްޓާ އެއްވަރުކޮށްގެންނެވެ. އެ ޒޯން ފައިނަލުގައި ވާދަކުރާ އޭދަފުއްޓާއި ގާފަރުން ރޭ ކުޅުނު މެޗުގައި އޭދަފުށީގެ ގޯލު ޖެހީ އިސްމާއީލް ޝަރީފެވެ. ގާފަރަށް އެއްވަރުކޮށްދީ، ގަދަ 16 ޔަގީންކޮށްދިނީ ސާމިން މުހައްމަދު ނަސީރެވެ.
އެ ޒޯނުގައި ކުރެންދޫން ވަނީ ކަޓާފައި އޮތް ކ. މާފުށިވެސް ބަލިކޮށްފައެވެ. އެއީ 2-1 އިންނެވެ. ކުރެންދޫގެ ގޯލުތައް ޖެހީ އަބްދުލް ވާހިދު އިބްރާހީމް (ވާޑު)ގެ އިތުރުން ހުސައިން ފާއިޒެވެ. މާފުށީގެ ގޯލު ޖެހީ ހުސައިން ރިފާންއެވެ.
ޒޯން ފަހެއްގައި ތިން ޓީމު ވާދަކޮށްފައިވާ އިރު، އެ ޒޯންގެ ފަހު މެޗު ރޭ ކުޅުނީ ކުޑަހުވަދުއާއި ފ. މަގޫދުއާ ދެމެދުއެވެ. އެ މެޗުން މަގޫދުއަށް ގަދަ 16 އަށް ފުރުސަތު އޮތް އިރު، ކުޑަހުވަދޫ ކަޓަންވެސް ފުރުސަތު އޮތެވެ. އަދި ދެ ޓީމަށްވެސް ގަދަ 16 އަށް ދެވެން އޮތެވެ. އޭރުން ކަޓާ ގޮތަށް އޮތީ މ. ދިއްގަރެވެ.
މަގޫދުއަށް މެޗުން މޮޅު ނުވެވި، 1-1 އިން އެއްވަރުވުމުން ދިއްގަރަށް ވަނީ ކުޑަހުވަދުއާއެކު ގަދަ 16 އަދި ޒޯން ފައިނަލް ޔަގީންވެފައެވެ.
މަގޫދޫގެ ފަހުމާން އަބްދުލް ހަމީދު މެޗުގެ ލީޑު ނެގި އިރު، ކުޑަހުވަދޫން އެއްވަރުކުރީ އަބްދުﷲ ސަރުމާދުގެ ގޯލުންނެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިރޭ އޮންނަ މެޗުތައް
20:00 ނ. މާޅެންދޫ - ރ. ދުވާފަރު (ޒޯން 2)
20:00 ށ. ކަނޑިތީމު - ށ. ފޯކައިދޫ (ޒޯން 2)
21:00 އއ. މަތިވެރި - އދ. މަހިބަދޫ (ޒޯން 4)
21:00 ވ. ކެޔޮދޫ - އދ. އޮމަދޫ (ޒޯން 4)
22:00 ހދ. ނޮޅިވަރަންފަރު - ހއ. ކެލާ (ޒޯން 1)
22:00 ހއ. މާރަންދޫ - ހދ. ނައިވާދޫ (ޒޯން 1)
23:00 ގދ. ވާދޫ - ގދ. ދެއްވަދޫ (ޒޯން 7 ސެމީ ފައިނަލް)
23:00 ސ. މަރަދޫ - ސ. ހިތަދޫ (ޒޯން 7 ސެމީ ފައިނަލް)
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް